10 Mar 2011, 09:32
ތޫނިސް : ރައްޔިތުންގެ އުތުރިއެރުމަކާ ގުޅިގެން މަޤާމު ދޫކުރައްވައި ޤައުމުން ބޭރަށް ފިއްލެވި ތޫނިސްގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީގެ ޕާޓީ އުވާލައި ޤައުމުގެ އެތެރެއާއި ބޭރުގައިވާ ބިންޢަލީއާއި އޭނާގެ ޢާއިލާގެ ހުރިހާ މުދަލަކާއި ފައިސާއެއް ހިފެހެއްޓުމަށް ތޫނިސްގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.
މި ޙުކުމްގެ ސަބަބުން، ތޫނިސްގައި ދަގަނޑާއި އަލިފާނުގެ އަތަކުން ވެރިކަން ކުރެއްވި ބިން ޢަލީގެ އިތުރުން އޭނާގެޕާޓީ އާއި އައުވާނުންގެ ސިޔާސީ ޙަޔާތްވެސް މުޅިން ނިމުމަކަށް އައީއެވެ. އަދި ބިންޢަލީއާއި ޢާއިލާއިން ރައްކާކޮށްފައިވާ ބިލިޔަން ޑޮލަރުގެ މުދަލާއި ފައިސާގެ މުއާމަލާތްތައްވެސް މަނާކުރުމަށް މިޙުކުމް ގޮވާލައެވެ.
މިޙުކުމް ގައިވަނީ ބިންއަލީ އާއި ޢާއިލާއަށް ނިސްބަތްވާ ހުރިހާ އެއްޗެއް ލިކުއިޑޭޓް ކޮށް މުޢާމަލާތައް ހުއްޓުމަކަށް ގެނައުމަށެވެ.
ތޫނިސްގެ ކޯޓަކުން ބިންޢަލީގެ މައްޗަށް މި ޙުކުމް ކުރުމުން ތޫނިސްގެ އެތަށް ހާސްބަޔަކު ވަނީ މަގުތަކަށް ނުކުމެ އުފާފާޅުކޮށްފައެވެ. ތޫނިސްގެ ސަރުކާރުންވަނީ ބިންޢަލީގެ ވެރިކަމުގައި އޭނާއާ ދެކޮޅަށް ބަސްބުނާ ރައްޔިތުންގެ އިންސާނީ ހައްޤުތަކަށް އަރައިގަތުމަށާއި އެމީހުންގެ ދުވަސް ދުއްވާލުމަށް ބޭނުންކުރި ސްޓޭޓް ސެކިއުރިޓީ ސަރވިސްގެ އިދާރާވެސް ދާދިފަހުން އުވާލާފައެވެ.
މިއީ އިދިކޮޅު ފަރާތްތަކުގެ ފޯންކޯލްތައް އަޑުއެހުމާއި އިދިކޮޅު ޚިޔާލުތައް ފާޅުކުރުން ހުއްޓުވުމާއި އިދިކޮޅު މީހުންނަށް ފާރަލައިގެން އެމީހުން ހިފައި ހައްޔަރުކުރުމާއި އިންޓަރނެޓް ބަލައި މޮނިޓަރ ކުރުންފަދަ ޖަރީމާތައް ހިންގާ ސިޔާސީ ފުލުހުންގެ މައިމަރުކަޒެވެ.
ބިންޢަލީގެ ޚުދުމުކްތާރު ވެރިކަން ދެމެހެއްޓުމުގައި އެންމެ އިސްދައުރެއް އަދާކުރީ ސިޔާސީ ފުލުހުންގެ މިއިދާރާއެވެ. (އަލްޖަޒީރާ)