29 Jul 2015, 18:05
ބ. ތުޅާދޫގައި ކައިވެނިން ބޭރުން މީހަކު ވިހެއި ދަރިފުޅު މަރުވުމުން އެ ތުއްތު ކުއްޖާ މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަރުވެފައިވާ ތުއްތު ކުއްޖާގެ ހަށިގަނޑު ފޮރެންސިކް ތަހުގީގުތަކަށް މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށެވެ.
ނަހަލާލަށް ވިހެއި އެ ދަރިފުޅުގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ބޭފުޅުންނާއި އިތުރު ތަހުގީގީ ޓީމެއް ތުޅާދޫގައި ދަނީ ހަރަކާތެރިވަމުންނެވެ.
އެ މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
އަށާރަ އަހަރުގެ މީހާ ވިހެއި އެ ތުއްތު ކުއްޖާ މަރުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ތުޅާދޫގައި އަޑުފެތުރޭ ގޮތުގައި ނަހަލާލަށް އެ މީހާ ވިހެއި އިރު ވެސް އޭނާ ބަނޑުބޮޑުކަން އެ ރަށު ބަޔަކަށް ނޭނގެ އެވެ. އަދި އޭނާ ވިހެއި ކަން އެނގުނީ ވެސް ވަރަށް ފަހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވިހެއީ ބަނޑަށް ހަތް މަހުގަ އެވެ. އަދި އެ މީހާ ވިހާފައި ވަނީ ދިރިއުޅޭ ގޭގެ ފާހާނާ އަށެވެ. އެކަން ހިނގިކަން ރަށުގެ މީހުންނަށް އެނގުނީ މިއަދު ހެނދުނު 8:45 ގަ އެވެ.
ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ އެ އަންހެން ކުއްޖާ ބަނޑުބޮޑުކަން އެނގުނީ ވެސް އޭނާ ވިހެއި ފަހުން ކަމަށެވެ. އޭނާ ވިހެއި ކުއްޖާ ފެނުނުއިރު އޮތީ މަރުވެފައި ކަމަށް ރަޝީދު ވިދާޅުވި އެވެ.