ކައުންސިލުގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިޔަސް އިސްތިއުފާ ދެއްވި ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އިންތިޚާބު ކުރަންނުޖެހޭގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ހުށަހަޅުއްވައި މަޖިލީހުން ފާސްކުރި އެ އިސްލާހުގައި ވަނީ ރަށު ކައުންސިލެއްގެ ކައުންސިލް މެމްބަރެއް ކައުންސިލުގެ އުމުރުގެ ތިންބައި ކުޅަ އެއްބައި ނުވަތަ އެއަށް ވުރެއް ދިގު މުއްދަތެއް ފާއިތުވެފައި ވަނިކޮށް އިސްތިއުފާ ދެއްވައިފި ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށް އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ކައުންސިލް ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ގާނޫނުގައި މީގެކުރިން ބުނެފައި ވަނީ، ކައުންސިލް މެމްބަރެއް އިސްތިއުފާ ދޭތާ 45 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ.

އަތޮޅު ކައުންސިލްގެ މެމްބަރަކު އިސްތިއުފާދެއްވިޔަސް، ކޯރަމް ނުގެއްލޭނަމަ ބައި އިލެކްޝަން ބާއްވަން ނުޖެހޭގޮތަށް މީގެކުރިން މަޖިލީހުން ވަނީ އެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އަދި ރައީސް ވަނީ އެ އިސްލާހު ވެސް ތަސްދީގު ކުރައްވާފައެވެ.