އަންކަރަ (ޖުލައި 29): ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

އުރުދުޣާންގެ މިދަތުރުފުޅުގައި ތުރުކީގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ބައެއް ވިޔަފާރިވެރިން ހިމެނޭގޮތަށް ބޮޑު ވަފްދެއް ގެންދެވިއެވެ. މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ޗައިނާއާއި ތުރުކީގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އާ އުސްމިންތަކަކަށް ގެންދިޔުންކަމަށް ތުރުކީގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ.

މީގެއިތުރުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތާކާބެހޭގޮތުންނާއި އެނޫންވެސް ބައެއް މައްސަލަތަކާބެހޭގޮތުން އުރުދުޣާން، ޗައިނާގެ ރައީސް ޝީޖިންގްޕިން އާ މަޝްވަރާކުރައްވާނެއެވެ. މީގެތެރޭގައި ޗައިނާގެ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެއްކަމަށްވާ ޝިންގްޔާންގް ގައި ދިރިއުޅޭ އީގޯރު ނަސްލުގެ މުސްލިމުންގެ ހައްގުތަކާބެހޭގޮތުން ޗައިނާގެ ރައީސް އާ މަޝްވަރާކުރެއްވުންވެސް އުރުދުޣާން ގެ އެޖެންޑާގައި ހިމެނެއެވެ.

އީގޯރު ނަސްލުގެ މުސްލިމުން ރޯދަހިފުން މަނާކުރުންފަދަ ދީނީ ބައެއް ހައްގުތަކުން އެމީހުން މަޙްރޫމް ކުރުމަށް ޗައިނާ ސަރުކާރުން މަސައްކަތްކުރާ ކަމުގެ އަޑުތަކެއް ދާދިފަހުން ފެތުރިގެންދިޔުމާއެކު ތުރުކީގެ ރައްޔިތުންވަނީ ޗައިނާއާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.

އުރުދުޣާން އަކީ ދުނިޔޭގެ ޣައިރު މުސްލިމް ގައުމުތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަށް އިސްކަންދެއްވާ އިސްލާމީ ލީޑަރެކެވެ. މިގޮތުން މިޔަންމާގެ ރޮހިންގްޔާ މުސްލިމުންނަށް އެގައުމުގެ ސަރުކާރާއި ބުޑިސްޓުންގެ ފަރާތުން ލިބޭ އަނިޔާތަކުން އެމީހުން ސަލާމަތް ކުރުމަށްވެސް އުރުދުޣާން މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

އުރުދުޣާންގެ މިދަތުރުފުޅުގައި ތުރުކީއާއި ޗައިނާއާދެމެދު އެތަށް ބިލިޔަން ޑޮލަރެއްގެ އެއްބަސްވުންތަކެއްގައި ދެގައުމުން ސޮއިކުރާނެކަމަށް ޚަބަރުލިބެއެވެ. ޗައިނާއާއި ތުރުކީގެ ވިޔަފާރީގެ ބެލަންސް އޮފް ޕޭމަންޓް މިހާރު ބުރަވަނީ ޗައިނާއަށެވެ.

ޗައިނާއިން އަހަރަކު ހަތަރު ބިލިޔަން އެމެރިކާ ޑޮލަރުގެ ތަކެތި ތުރުކީއަށް އެކްސްޕޯޓްކުރާއިރު ތުރުކީން ޗައިނާއަށް އެކްސްޕޯޓްކުރަނީ އަހަރަކު2.8 ބިލިޔަން ޑޮލަރުގެ ތަކެއްޗެވެ. ޗައިނާއަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅަށްފަހު އުރުދުޣާން ވަޑައިގަންނަވާނީ އިންޑޮނީޝިޔާއަށެވެ. (އަލްޖަޒީރާ)