29 Jul 2015, 15:26
އެމެރިކާގެ ނިއުޔޯކްގައި ހުރި ސަލާމަތީ ކަންތައްތައް އެންމެ ވަރުގަދަ ޖަލުން މިދިޔަ ޖޫން މަހު ދެމީހަކު ފިލުމަށް އެހީތެރިވި ކަމަށް އެޖަލުގެ މުވައްޒަފެއްގެ ގޮތުގައި އޭރު ހުރި މީހަކު އެއްބަސްވެއްޖެ އެވެ.
ރޮއިޓާސް ނިއުސް އިން ބުނީ ރިޗާޑް މޭޓް ނަމަކަށް ކިޔާ މީހަކާއި ޑޭވިޑް ސްވެޓް ނަކަމަށް ކިޔާ މީހަކު ފިލުމަށް އެހީތެރިވި ކަމަށް އިއުތިރާފްވީ ޖޮއިސް މިޝެލް ނަމަކަށް ކިޔާ އުމުރުން 51 އަހަރުގެ އަންހެނެއް ކަމަށެވެ.
އޭނާ އެކަމަށް އިއުތިރާފްވީ ޝެކްލްސްގައި ހުންނަ ޕްލެޓްސްބާފް ކައުންޓީ ކޯޓުގައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
މިޝެލްގެ ވަކީލު ސްޓެފަން ޖޯންސްޓަން ވިދާޅުވެފައި ވަނީ މިޝެލް އެކަމަށް އެއްބަސްވީ އޭނާއަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.
ނިއުޔޯކްގައި ހުންނަ ކްލިންޓަން ކަރެކްޝަނަލް ފެސިލިޓީ ނަމަކަށް ކިޔާ ޖަލުން މިދިޔަ ޖޫންމަހު ފިލި ދެމީހުންގެ ތެރެއިން ރިޗަޑް މޭޓް ވަނީ ފުލުހުން އޭނާ ހުއްޓުވުމަށް ދިން ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ. އަދި ޑޭވިޑް ވަނީ ހައްޔަރުކޮށްގެން އަލުން ޖަލަކަށް ގެންގޮސްފައެވެ.
ޖަލުން ފިލި އިރު ރިޗަޑް ދިޔައީ 2002 ވަނަ އަހަރު ފުލުހަކު މަރާލުމުގެ ކުށް ސާބިތުވެ، ޕެރޯލަކާ ނުލައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި ޑޭވިޑް ދިޔައީ އޭނާގެ ކުރީގެ ވެރިމީހާ މަރާލިކަމުގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.