29 Jul 2015, 15:28
ކައުންސިލަރަކު އިސްތިއުފާ ދިންކަމުގައި ވިއަސް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން ތިން ކައުންސިލެއްގެ އިންތިހާބު ނުބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
ބައި އިލެކްޝަން ނުބާއްވާ ގޮތަށް ނިންމި ތިން ކައުންސިލަކީ ނ. ހެނބަދޫ ކައުންސިލާއި ހއ. ދިއްދޫ ކައުންސިލުގެ އިތުރުން ހދ. ނައިވައިދޫ ކައުންސިލެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ އެ ތިން ރަށުގެ ބައި އިލެކްޝަނު ނުބާއްވަން ނިންމީ ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައި އަދި އެކަމާ ގުޅޭ ލަފާ ބަންޑާރަ ނައިބު ދެއްވުމުން ކަމަށެވެ.
އަކުރަމު ވިދާޅުވީ އެ ތިން ރަށުގެ ބައި އިލެކްޝަން ނުބޭ ބޭއްވުމަށް ނިންމި އިރު، އެ ކޮމިޝަނުން ވަނީ އެކަމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމިފައި ކަމަށެވެ. އަދި އެ ތިން ރަށުގެ އިންތިހާބު ބޭއްވުމަށް އިކެލްޝަނުން ނިންމާފައި އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.
ރަށު ކައުންސިލެއްގެ އުމުރު ހަމަ ނުވަނީސް ކައުންސިލަރަކު އިސްތިއުފާ ދެއްވި ކަމުގައި ވިއަސް ކައުންސިލަރުގެ ބަދަލުގައި އިތުރު ކައުންސިލަރެއް އައްޔަން ކުރުމަށް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި އެވެ.
ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބުރާހިމް (ވައްޑެ) ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ރަށު ކައުންސިލެއްގެ ކައުންސިލް މެމްބަރެއް ކައުންސިލު އުމުރުގެ ތިންބައި ކުޅަ އެއްބައި ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައި ވަނިކޮށް ކައުންސިލުން އިސްތިއުފާ ދެއްވައިފި ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށް އިންތިހާބު ބާއްވައިގެން ނުވާނެ ކަމަށެވެ.
އެހެންނަމަވެސް ކައުންސިލް ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާ ނަމަ އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އައްޔަން ކުރުމަށްޓަކައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ވެސް މިއަދު މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވެ އެވެ.
ގާނޫނުގައި މީގެކުރިން ބުނެފައި ވަނީ، ކައުންސިލް މެމްބަރެއް އިސްތިއުފާ ދޭތާ 45 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިހާބު ކުރަންވާނެ ކަމަށެވެ.