ޗެމްޕިއަން ޓީމަށް ޕްރެޒިޑެންޓް ކަޕުން ފުރުސަތު ލިބޭ ގޮތަށް ކަނޑައަޅައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބާއްވާ 'މިނިވަން 50 ޗެމްޕިއަންޝިޕް' އަތޮޅު ފުޓްބޯޅަ މުބާރާތް އަންނަ މަހުގެ 15 ވަނަ ދުވަހު ފަށާނެ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

މި މުބާރަތަކީ މީގެ އަހަރު ތަކެއް ކުރިން އެފްއޭއެމްއިން ބާއްވަމުން ގެންދިޔަ އަތޮޅު ފުޓްބޯޅަ މުބާރާތާއި މަލޭގައި ބާއްވަމުން ދިޔަ ޒޯން ފުޓްބޯޅަ މުބާރާތް ރީބްރޭންޑް ކުރުމަށްފަހު ހޯމް އެންޑް އަވޭ އުސޫލުން ބާއްވާ ފުޓްބޯޅަމުބާރާތެކެވެ.

އެފްއޭއެމް އިދަރާގައި މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ބައްސާމް ޢަދީލް ޖަލީލް ވިދާޅުވީ މުބާރާތް ބޭއްވޭނީ ހުރިހާ އަތޮޅު ތަކެއްގެ މެދުގައި ތިން ބުރަކަށް ބަހާލެވިގެންކަމަށެވެ.

"ފުރަތަމަ ރައުންޑުން އެއްވަނައަށް ދާ ހުރިހާ ޓީމްތައް ދެ ވަނަ ބުރަކަށް ގޮސް ދެ ވަނަ ބުރުގައި ޒޯންތަކުގެ ޓީމްތަކުގައި ކުޅެ ތިން ވަނަ ރައުންޑުން މޮޅުވާ ޓީމްތައް ސެމީފައިނަލަށް ގޮސް ސެމީފައިނަލް މޮޅުވެ ފައިނަލަށް ފައިނަލްގައި މޮލުވާ ޓީމް މުބަރާތް ކާމިޔަބުކޮށް 2016 ވަނަ އަހަރު ބައްވާ ޕްރެޒިޑެންޓް ކަޕުން ފުރުސަތު ލިބޭ ގޮތަށް، މި މުބާރާތް ބާއްވަނީ،" ބައްސާމް ވިދާޅުވިއެވެ.

ތިން ވަނަ ރައުންޑްގެ މެޗްތައް ކުޅުދުއްފުއްޓައި އައްޑޫ ސީޓިގައި ކުޅެން ހަމަޖެހިފައިވާއިރު، ސެމީ ފައިނަލް މެޗާއި ފައިނަލް މެޗް މިއަހަރު ކުޅޭނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

"އަޅުގަނޑު ދެކޭގޮތުގައި މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް. އެއީ މުޅި ގައުމު ތަމްސީލް ކުރެވިގެންދާތީ. މިހާރު 78 ޓީމް 78 ރަށުން މިވަނީ ބައިވެރިވެފައި. މިފަހަރު ހުޅުވާލަފަ މިއޮތީ ކޮންމެ ޓީމެއްވެސް ވާން މިޖެހެނީ ރަށު ޓީމަކަށް އެއްވެސް ޖަމްޢިއްޔާއަކަށް ވެވިގެން ނުވާނެ. އެއީ ރަށު ރޫހްގައި ރަށުގެ ގައުމީ ޓީމެއް ކަހަލަ ގޮތަކަށް ބައިވެރިވެވޭ މުބާރަތެއްގެ ގޮތުގައި ކުރިއަށްދަނީ،" ބައްސާމް ވިދާޅުވި އެވެ.

މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާޕާސަން މުޙައްމަދު އާދަމް ވިދާޅުވީ މުބާރަތުގައި 78 ޓީމް ބައިވެރިވެފައިވައިރު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ދީފައިވާ މުއްދަތުގައި ފުރިހަމަ ނުވެ ހުރެއްޖެކަމުގައިވާނަމަ ޓީމްތަކުގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެދާނެ ކަމަށެވެ.

ބައްސާމް ވިދަޅުވީ މުބާރާތް ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ގޮތަށް ހަމަޖެހިފައިވައިރު ދަތުރު ފަތުރަށް ޓީމްތަކަށް ސަބްސިޑީ ދޭގޮތަށް ހަމަޖައްސާފައިވާނެ ކަމަށެވެ. އަދި އުތުރުގެ ޓީމެއް ފައިނަލްގައި ކުޅެން އައްޑޫއަށް ދާން ޖެހިއްޖެނަމަ މޯލްޑިވިއަނުން މުޅި ޓީމް އައްޑޫއަށް ގެންގޮސް ދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުބަރާތުގައި ޗެމްޕިއަންކަން ހޯދާ ޓީމް މޯލްޑިވިއަންގައި އަންނަ އިރު، އެޓީމަކުން ބޭނުންވެއްޖެނަމަ މޯލްޑްވިއަންގެ ބޯޓުގައި އެރަށެއްގެ ނަން ޕެއިންޓް ކުރާގޮތަށްވެސް މޯލްޑިވިއަންއާއެކު ވާހަކަ ދެކެވިފައިވާކަމަށް ބައްސާމް ވިދާޅުވިއެވެ.

އެ މުބާރަތުގެ ތެރެއިން ރަށްރަށަށްވެސް ކުރިއެރުން އަންނާނެކަމަށާއި މުބާރަތުގެ ސްޕޮންސަރާއެކު ވާހަކަ ދެކެވި ޗޭންޖިން ރޫމް ނެތް ރަށްރަށުގެ ދަނޑުތަކުގައި ޗޭންޖިން ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު މުޙައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޭއްވި ރެފްރީ ކޯސްތަކުން އެ މުބާރަތުގައި އިންސާފު ކުރުމަށް 80 ރެފްރީން ތަމްރީންކޮށްފައިވާ ކަމަށެވެ.

މުބާރަތުގައި ބައިވެރިވަ ޓީމްތަކަށް އަމާޒުކޮށްގެން އަންނަ މަހު މާލޭގައި ކޯޗިން ކޯހެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މޯހަން ވިދާޅުވިއެވެ.

މުބާރަތުގެ ބައެއް މެޗްތަކަށް އެފްއޭއެމްގެ ޓެކްނިކަލް ސްޓަފުން ދާން ހަމަޖެހިފައިވާއރު އެމުބާރަތުގެ މެޗްތައް ކުޅުމަށް ހަމޖެހިފައިވަނީ ހަފުތާ ބަންދުގައެވެ.