29 Jul 2015, 14:53
ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ޝަރީއަތް ޕްރޮސެކިއުޓާ ޖެނެރަލް އެދިގެން ސިއްރުކޮށްފި އެވެ.
އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާ އަށް ދިން ހަމަލާގެ ސަބަބުންނެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަހުމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ ދެމީހުންގެ ޝަރީއަތް ސިއްރުކުރީ ޕީޖީ އެދިގެން ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ޕީޖީ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން،24، އާ ހަމައެ ރަށު ބީޗުވިލާ އަލީ ސިފާމް،29 ގެ މައްޗަށެވެ.

ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ޝަނޫން، 24 މިއަދު ކޯޓުން ނެރިގެން ގެންދަނީ، ވަކީލަކު ހަމަ ނުޖެހޭތީ މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައި -- ސަންފޮޓޯ --- ޔޫސުފް ސޮފްވާން
އެ މައްސަލާގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.
އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެ ރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާ އަށް ހަމަލާދީފައިވާތީ ކަމަށެވެ.
އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުން ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.