ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަށް ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ ސައިންސްވެރިން މިދިޔަ އަހަރު ރާއްޖޭގައި ކުރި ދިރާސާގެ ނަތީޖާ ހޯދަން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ޖަރުމަނު ވިލާތަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޝައިނީ ޖަރުމަނަށް ފުރާވަޑައިގަތީ ރޭ 7:15 އެހާކަންހާއިރު އެވެ.

ސަން އަށް ރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ދެ ތިން ދުވަހެއްގެ ތެރޭގައި ދިރާސާގެ ނަތީޖާއާ އެކު ރާއްޖެވަޑައިގަންނަވާނެ ކަމަށެވެ.

"ޖިއޮލޮޖިކަލް ސާވޭގެ ނަތީޖާ މިހާރު އެ ބޭފުޅުން ކްލިއާކޮށްފައި އޮތީމާ އެ ބަލައި އަޅުގަނޑު މިދަނީ. އިރާދަކުރެއްވިއްޔާ ދެ ތިން ދުވަސްތެރޭގައި އެ މައުލޫމާތު ހިފައިގެން އަންނާނަން. އެ މައުލޫމާތު ލިބުނީމާ އެނގޭނީ ދެން ކުރިއަށްދާނެ ގޮތެއްފިޝަރީޒް މިނިސްޓަރު ޝައިނީ

ޖަރުމަނުގެ ޔުނިވާސިޓީ އޮފް ހަމްބާގްގެ 25 ސައިންސްވެރިން މިދިޔަ އަހަރުގެ އޮގަސްޓު މަހު ރާއްޖޭގައި ފެށި ދިރާސާ ނިންމާލާފައި ވަނީ އެ މަހުގެ 24 ވަނަ ދުވަހު އެވެ.

ސައިންޓިސްޓުން ވަނީ ލ. އަތޮޅާއި ތ. އަތޮޅާ ދޭތެރޭ އިރުމަތީ ފަރާތުން ގާތްގަނޑަކަށް 100 މޭލެއްހާ ބޭރުން ދިރާސާ ހެދުމަށް ފަހު ސާމްޕަލްތަކެއް ނަގައިފަ އެވެ.

ފިޝަރީޒު މިނިސްޓްރީ އިން ކުރިން ބުނެފައި ވަނީ އާންމުކޮށް ތެޔޮ ހުންނަ ސަރަހައްދުތަކުން ފެންނަ ސޯސް ރޮކް އެ ސަރަހައްދުގައި ހުރި ކަމަށް ހޯދުންތަކުން ދައްކާ ކަމަށާއި ވަރަށް ޔަގީނާ ގާތަށް ތެޔޮ ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެ އިން ތެޔޮ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވި އިރު ވަނީ ވިދާޅުވެފަ އެވެ. އަދި އެ އަށް ފަހު، ޖަރުމަނުގެ ބަޔަކާ ވަނީ އެ ދިރާސާ ހެދުމަށް ހަވާލުކޮށްފަ އެވެ.