އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ބާކީވުމަކީ އޭނާގެ ކުރިމަގަށް އެޅޭނެ ހުރަހެއް ނޫނަކަމަށް އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަންގެ ކުލަބަކަށް ކުޅެމުންދާ އުމުރުން 18 އަހަރުގެ ދިވެހި ކުޅުންތެރިޔާ މަނީއު ރައޫފް ބުނެފިއެވެ.

ސަންއަށް މައުލޫމާތު ދެމުން މަނީއު ބުނީ އޭނާގެ އުމުރުން އެންމެ އަދި މިވީ އެންމެ 18 އަހަރު ކަމަށާއި ރައްޖޭގެ ސީނިއާ ޓީމުން ފުރުސަތު ނުލިބުމަކީ މައްސަލައެއް ނޫން ކަމަށެވެ.

"ޓީމްގައި މިތިބީ 20 އަހަރުން ފެށިގެން 27 އަހަރާއި ދެމެދުގެ ކުޅުންތެރިން. އަހަރެންގެ އުމުރުން އަދި އެންމެ 18 އަހަަރު. ސީނިއާ ޓީމުން ޖާގަ ނުލިބުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްނޫން،" މަނީއު ބުންޏެވެ.

މަނީއު ބުނީ ބައެއް ފަރާތްތަކުން އޭނާއާ ގުޅުވައި ދައްކަނީ ރަނގަޅު ވާހަކައެއް ނޫންކަމަށާއި ޓީމުން ފުރުސަތު ނުލިބުނީ އޭނާއަށްވީތީ ބާކީ ކުރުމުގެ ގޮތުން ނުވަތަ އޭނާގެ ފެންވަރު ނެތިގެން ނުންކަމަށެވެ.

"އަހަރެންނާމެދު ޓީމުން އެއްވެސް މައްސަލައެއް ނެތް. ބައެއް ފަރާތްތަކުން ހަރެންނާ ބެހޭގޮތުން ދައްކަނީ ރަނގަޅު ވަހަކަ އެއް ނޫން،" މަނީއު ބުންޏެވެ.

އޭނާއަށް ޓީމުން ފުރުސަތު ނުލިބުނީ ޓީމާއެކު ކުޑަ ދުވަސްކޮޅެއް ހޭދަކޮށްފައިވުމުން ކޮމްބިނޭޝަން މައްސަލަ ދިމާވާނެތީ ކަމަށް ވެސް މަނީއު ބުންޏެވެ.

އައިއޯއައިޖީގައި ވާދަކުރާ ސީނިއާ ޓީމުން ފުރުސަތު ނުލިބުނަސް އަންނަ އަހަރު ބާއްވާ ސާފް ގޭމްސްގައި 23 އަހަރުން ދަށުގެ ޓީމުން ފުރުސަތު ލިބޭނެކަމުގެ އިޝަރާތެއް ކޯޗްގެ ފަރާތުން ލިބިފައިވާ ކަމަށް ވެސް މަނީއު ބުންޏެވެ.

މަނީއު ބުނީ އޭނާ ދިވެހި ޓީމަކާއެކު މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވީނަމަވެސް މިހާތަނަށް އެއްވެސް ޓީމަކާއެކު ރަސްމީކޮށް ވަހަކަ ދެކެވި އެއްބަސްވުމަށް އަދެވިފައި ނުވާނެ ކަމަށެވެ.

"ދިވެހި ޓީމަކާއެކު މަސައްކަތްކުރަން އަހަރެން ޝައުގުވެރިވިނަމަވެސް އަދި މިހާތަނަށް އެއްވެސް ޓީމަކާ އެކު އެއްބަސްވުމަކަށް އާދެވިފައެއް ނެތް. އަދި އަހަރެން ވެސް އެކަމާ މެދު ވަކި ގޮތެއް ނުނިންމަން،" މަނީއު ބުންޏެވެ.

މަނީއުއަކީ ދިވެހި ފިރިހެނަކާއި އޮސްޓްރިއާ އަންހެނަކަށް ލިބިފައިވާ ކުއްޖެކެވެ. އޭނާ މިވަގުތު މާލޭގައި ހުރި ނަމަވެސް އޭނާ ދިރިއުޅެމުން ދަނީ އާއިލާއާއެކު އޮސްޓްރިއާގައެވެ.