އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުން އަމާނާ ތަކަފުލްގެ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީން ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙުސައިން ރަޝީދެވެ. އަދި އަމާނާތަކަފުލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ހަރީޒް ސުލައިމާނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ހެލްތު ޙުސައިން ރަޝީދު ވިދާޅުވީ އަމާނާ ތަކައްފުލްއާ އެކު ހެލްތު މިނިސްޓްރީން އެފަދަ އެއްބަސްވުމެއް ގާއިމުކުރީ އެ ކުންފުނީގެ ހެލްތު އިންޝުއަރެންސް ބޭނުން ކުރާ ގިނަ ބަޔަކު އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އަންނާތީ ކަމަށެވެ.

"...މިއެއްބަސްވުމުގެ ދަށުން، އަމާނާ ތަކަފުލްގެ ފަރާތުން ކާޑު ދޫކުރައްވާފައި ބޭފުޅުންނަށް އެ ހިދުމަތްތައް، ސަރުކާރުން އަޅުގަނޑުމެންގެ މި މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ އިންތިޒާމު މި އެއްބަސްވުމުގެ ދަށުން މި ހަމަޖެހިގެން ދިޔައީ. މިއީ އަސްލު ހެލްތު އިންޝުއަރެންސްގެ ނިޒާމު ފުޅާވެގެން ދާއިރު ވަރަށް މުހިއްމު ކަމެއް ކަމަށް އަޅުގަނޑުމެން ދެކެން." ޙުސައިން ވިދާޅުވި އެވެ.

އެއްބަސްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަމާނާ ތަކަފުލްގެ މެނޭޖިން ޑައިރެކްޓަރު ހަރީޒް ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން އެކުންފުނީގެ އިންޝުއަރެންސް ރާއްޖެއަށް ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ވެސް އެ ކުންފުނީގެ ހެލްތު އިންޝުއަރެންސްގެ ހިދުމަތް މާލެއާއި ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުން ލިބެމުން އަންނަ ކަމަށެވެ.

"...ޑިމާންޑަށް ބަލާފައި އަޅުގަނޑުމެން އެޅި އާ ފިޔަވަޅެއް މިއީ އަސްލު، އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި،" ހަރީޒް ވިދާޅުވި އެވެ.