އޮލިމްޕިކް ކޮލިފައިންގެ ފުރަތަމަބުރުގައި ހޮންކޮންގގެ 23 އަހަރުންދަށުގެ ޓީމާ ދެކޮޅަށް ކުޅެ އަމިއްލަ ދަނޑުގައި 3-0 ލަނޑުން ބަލިވުމާއި ގުޅިގެން ރާއްޖެއަށް އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މީގެ 10 ވަރަކަށް ދުވަސްކުރިން ހޮންކޮންގައި 4-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިވެފައި އޮތަސް އަމިއްލަ ދަނޑުގައި ހޮންކޮންގެ މައްޗަށް ރާއްޖެއަށް ކުރި ހޯދި ދާނެ ކަމަށް ދިވެހިންގެ ތެރެއިިން ގިނަ ބަޔަކު ޤަބޫލު ކުރި އެވެ. ޓީމުގެ ކޯޗު އާޖެންޓީނާގެ ކުރުސިއާނީވެސް ބުނަމުން ދިޔައީ މޮޅުވެވޭނެ ކަމަށާއި ނަމަވެސް ތަފާތު ބޮޑުކުރަން އުނދަގޫވާނެ ކަމަށެވެ. ނަމަވެސް މެޗު ފެށިގެން ރާއްޖޭގެ ފަރާތުން ފެންނަމުން ދިޔައީ ފީކަޅާ ކުޅުމެކެވެ.

ނަތީޖާއަކަށްވީ 19 ވަނަ މިނެޓްގައި ލަމް ހޮކް ހެއިގެ ފަރާތުން ފުރަތަމަ ލަނޑު ފެނިގެން ދިޔުމެވެ. އޭގެ 4 މިނެޓްފަހުން އަނެއްކާވެސް ހޮންކޮންގެ ލަނޑެއް ފެނުނެވެ. މިފަހަރު ލަނޑު ޖެހީ ޖޭމްސް ސްޓެފަން އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖީ ވަނީ ހޮންކޮންގ ޓީމަށް 3 ވަނަ ލަނޑެއް ޖަހާދީ އަމިއްލަ ދަނޑުގައި ރާއްޖޭގެ ޓީމު ލަދުގަންނުވާލާފައެވެ. މިހުރިހާ ގޯލެއްވެސް ވަނުމުގައި ރާއްޖޭގެ ޑިފެންސްލައިންގެ ބޮޑެތި މައްސަލަތައް ފާހަގަ ކުރެވުނެވެ.
ރާއްޖޭގެ ޓީމަށް ރަނގަޅު ހަމަލާއެއްވެސް އުފެއްދޭވަރުވީ ދެވަނަ ހާފުގައެވެ. ރަނގަޅު ދެ ހަމަލާއެއް ފެނުނު ނަމަވެސް 3 ދަނޑީން އެތެރެ ކޮށްލެވޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން 76 ވަނަ މިނެޓްގައި ރާއްޖޭގެ އިސްމާއީލް ޝަފީއުއަށް 2 ވަނަ ރީނދޫކާޑާއެކު ރަތްކާޑެއް ދެއްކުމުން ޓީމަށް އިތުރު މައްސަލަތައް ކުރިމަތިވިއެވެ.

މެޗަށް ފަހު ހޮންކޮންގގެ ކޯޗު ސެންގ ވައި ޗުން ބުނީ ދެވަނަ ހާފުގައި އޭނާގެ ޓީމުގެ ކުޅުން ނުފެނުނީ އެގޮތަށް ރާވާފައިވާތީ ކަމަށެވެ. " ފުރަތަމަ ހާފުގައި ރަނގަޅު ލީޑެއް ލިބުމުން އަހަރެން ކުޅުންތެރިންގެ ގާތުގައި ބުނިން ތެޅި ނުގަނެ މަޑުން ތިބޭށޭ. އެއީ މާކުރިންވެސް އެނގޭ ދެވަނަ ހާފުގައި ރާއްޖެއިން ކުޅެގަންނާނެ ކަން. އެހެންވެ އަނިޔާއެއް ވެދާނެތީ އެގޮތަށް ކުޅުނީ." ކޯޗު ބުނީ ހުރިހާ ކަމެއްވެސް ދިޔައީ ރާވާފައިވާ ގޮތަށް ކަމަށެވެ.

ރާއްޖޭގެ ކޯޗު ކުރުސިއާނީ ބުނީ ދެ ޓީމުގެ ފެންވަރު މާބޮޑަށްވެސް ތަފާތު ކަމަށާއި ތައްޔާރުވާން ގިނަ ދުވަސް ލިބުނު ނަމަ މިއަށްވުރެ ނަތީޖާ ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި އޭނާގެ ގޭމަށް ކުޅުންތެރިން ނުހޭނޭ ކަންވެސް ކޯޗު ފާހަގަ ކުރިއެވެ.

މިއީ ރާއްޖޭގެ ޓީމަށް ފަހަކަށް އައިސް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީކަންވެސް ފާހަގަކޮށްލެވެއެވެ.