29 Jul 2015, 12:55
މިނިވަން 50ގެ ހަރަކާތްތަކަށް ސަރުކާރުން ކަނޑައެޅި ބަޖެޓަކީ 150 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޖިހާދު މިއަދު ވިދާޅުވީ ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކޮށްފައި ނުވާނެ ކަމަށެވެ.
"އެވަރަށް [150 މިލިއަން ރުފިޔާ] ޚަރަދުވާނީ، އަދި މުޅިން ހިސާބުތައް ނިންމައެއް ނުލެވޭ،" ޖިހާދު ވިދާޅުވި އެވެ.
އަދި މިނިވަން 50ގެ ހަރަކާތްތަކަށް ކުރި ޚަރަދުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް އުޅޭ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
މިނިވަން 50ގެ ހަރަކާތްތަކަށް ޚަރަދުކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮންމެ ދުވަހަކު މިނިވަން 50ގެ އޮފީހުގައި ހަރަކާތްތެރިވެ އެވެ. މިނިވަން 50 އާ ގުޅިގެން ހިންގި ބައެއް ޕްރޮޖެކްޓްތައް ވަނީ ބިޑް ކުރުމެއް ނެތި ބައެއް ކުންފުނިތަކާ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް އެގޮތަށް ހަވާލުކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ.