ބ. ތުޅާދޫގައި ކައިވެނިން ބޭރުން މީހަކު ވިހެއި ދަރިފުޅު މަރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފުލުހުން ވެސް ވަނީ އެ މައްސަލަ ހުށައަޅައިގެން ތަހުގީގު ކުރަމުން އަންނަކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނަނީ އިތުރަށް ކަންތައްތަކެއް ބަލަން ޖެހޭ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ.

އަށާރަ އަހަރުގެ މީހާ ވިހެއި އެ ތުއްތު ކުއްޖާ މަރުވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ތުޅާދޫގައި ވާހަކަ ދެކެވޭ ގޮތުގައި އެކުއްޖާ ވިހިކަން އެނގިފައިވަނީ ގިނަ ވަގުތުތަކެއް ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ވިހެއީ ބަނޑަށް ހަތް މަހުގަ އެވެ. އަދި އެމީހާ ވިހާފައި ވަނީ އެގޭގެ ފާހާނާ ތެރެއަށެވެ. އެކަން ހިނގީ މިއަދު 8:45 ގައެވެ.

ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ރަޝީދު މިއަދު ސަން އަށް ވިދާޅުވީ އެއަންހެން ކުއްޖާ ބަނޑުބޮޑުކަން އެނގުނީ ވެސް އޭނާ ވިހެއި ފަހުން ކަމަށެވެ. އޭނާ ވިހެއި ކުއްޖާ އޮތީ މަރުވެފައި ކަމަށް އޭނާ ބުންޏެވެ.

"އޭނާ ވިހެއީ ގޭގައި. ކުއްޖާ އޮތީ މަރުވެފައި. އޭނާ ބަނޑުބޮޑުކަން އޭގެ ކުރިން ނޭނގެ،" ރަޝީދު ވިދާޅުވި އެވެ.

ވިހެއި އަންހެން ކުއްޖާއާއި މަރުވި ތުއްތު ކުއްޖާ ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމުން އިތުރު ތަފްސީލް ވަނީ ލިބޭގޮތްނުވެފަ އެވެ.