29 Jul 2015, 12:07
ކައިވެނި ޕާޓީ ބޭއްވުމަށާއި ހަނީމޫނަށް ދިއުމަށް އަދި ގެއަށް ފަރުނީޗަރު ގަތުމަށް އަނބުރާ ދައްކާގޮތަށް އަނބިމީހާ ކުރި ޚަރަދު އޭނާ އަށް ދިނުމަށް ކުރީގެ ފިރިމީހާގެ މައްޗަށް ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި، އަންހެންމީހާ މައްސަލަ ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާއާ އެ ދެމީހުންގެ ކައިވެނީގެ ޕާޓީ އަށާއި ގެއަށް ފަރުނީޗަރު ގަތުމަށް އަދި ހަނީމޫނަށް ދިއުމަށް ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ބުނެ ނަގާފައިވާ 175000 ރުފިޔާ ހޯދައި ދިނުމަށް އެދި އެވެ.
އެ މައްސަލަ ބެލުމަށް ފަހު ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ލިބިފައިވާ ހެކިތަކާއި ދައުވާ ލިބޭ ފިރިހެންމީހާގެ ބަހުން އެ ފައިސާ އަކީ އަންހެން މީހާ އަތުން ނަގާފައިވާ ފައިސާއެއްކަން އެގެން އޮންނަ ކަމަށެވެ.
އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 175،000 ރުފިޔާ އަންހެންމީހާ އަށް ދެއްކުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.