29 Jul 2015, 11:33
ގއ. ގެމަނަފުށީ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޓީޗަރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ހައްޔަރުކުރި ޓީޗަރު ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ގެމަނަފުށި ކޯޓަށް ގެންދިއުމުން އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ކޯޓުން ނިންމުމުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ކޯޓުން އޭނާ ދޫކޮށްލި ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީޗަރު ހައްޔަރު ކުރީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ 40 އަހަރުގެ ބިދޭސީ އެކެވެ.
އެޓީޗަރަކީ ގެމަނަފުށީ ސްކޫލުގައި އިނގިރޭސި ކިޔަވައިދެމުންދާތާ އަށް އަހަރު ވެފައިވާ ޓީޗަރެކެވެ.
ގެމަނަފުށީ ސްކޫލުގެ އޮފިޝަލަކު ވިދާޅުވީ، އެޓީޗަރާ މެދު ތުހުމަތު ކުރެވެނީ ޓިއުޝަނަށް ކުދިން ގެންގޮސް ޖިންސީ ގޯނާ ކުރާ ކަމަށް ކަމަށެވެ.