29 Jul 2015, 11:22
ރާއްޖޭގެ މިނިވަން ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެރުނު ރަމްޒީ ނޫޓު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުންނަށް ވިއްކަން ފަށައިފިއެވެ.
އެމްއެމްއޭއިން 7500 ރުފިޔާއަށް ވިއްކާ 5000 ރުފިޔާގެ އެނޫޓް ވިއްކުން މިއަދު އިފްތިތާހް ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުއެވެ.
އެނޫޓް ނެރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އާއި މާލީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިނިވަން ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެރުނު އެ ރަމްޒީ ނޫޓު ނެރެފައި ވަނީ ޖުލައި 26 ވަނަ ދުވަހުގެ ރޭ މިނިވަން 50 ގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެވެ. އެ ނޫޓު ނެރެދެއްވީ ރާއްޖެ މިނިވަން ކުރުމުގެ މަޝްވަރާތައް އިނގިރޭސީންނާ އެކު ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ އެވެ.
އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިއަދު ވިދާޅުވީ އެނޫޓަކީ ވިޔަފާރި މުއާމަލާތުގެ ގޮތުގައި ބޭނުން ކުރުމުގެ ހުއްދަ އޮތް ނޫޓެއް ކަމަށްވީނަމަވެސް އެނޫޓް ބޭނުން ކުރާނީ ވިޔަފާރި ކުރުމުގެ ބަދަލުގައި ހަދީނީ ނޫޓެއްގެ ގޮތުގައި ކަމަށެވެ.
"ހަދާނީ ނޫޓުގެ ބޭނުމަކީ ހަދާނެއްގެ ގޮތުގައި ބޭއްވުމަށް ނެރެވޭ އެއްޗެއް. އެއީ ލީގަލް ޓެންޑާއެއް. ނަމަވެސް އެއީކީއެއް މުދަލާއި ހިދުމަތްތައް ގަންނަން ބޭނުން ކުރެވޭނެ ނޫޓެއްނޫން." ގަވަރުނާ އަޒީމާ ވިދާޅުވިއެވެ.
އެފައިސާއަކީ ހުނަރުވެރި ޑިޒައިނަރެއްކަމަށްވާ އަބްދުﷲ ނަޝާތު ގެ ޑިޒައިނެކެވެ. އެޑިޒައިން ހޮވާފައިވަނީ ވާދަވެރި މުބާރާތަކަށްފަހުއެވެ.
އެނޫޓުގެ ކުރެހުމުން ރަމްޒުކޮށްދޭ ކަންކަން
- 1965 އިން 2015 އަށް މިގައުމު ދެކެފައިވާ ތަރައްގީ (މީގެ 50 އަހަރު ކުރިންނާއި މިއަދު މާލޭ އުތުރު ފަރާތު މަލަމަތި ފެންނަ ފޮޓޯ އަސްލަކަށް ބަލައިގެން ކުރެހުމެއް)
- ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު
- ދިވެހިންގެ އަމިއްލަ ވަންތަކަމާއި ފަންނުވެރިކަމާއި އިސްލާމީ އާދަކާދަ އާއި ތަރިކަ.

އެމްއެމްއޭ އިން ބުނީ އެނޫޓަކީ ރާއްޖޭގެ ތާރީޚުގައި ވެސް "ޕޮލިމާ" ކަރުދާހަށް ޕްރިންޓުކޮށް ނެރެވޭ ފުރަތަމަ ފައިސާ ކަމަށެވެ.
މީގެ ކުރިން މިނިވަން ދުވަހާ ގުޅިގެން މުޅިން ވެސް ނެރެފައިވަނީ ފައިސާ ފޮއްޗެވެ. ކަރުދާހުގައި ނޫޓެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.