29 Jul 2015, 10:44
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޓްގެ ބޯލްޓިމޯ ސިޓީގައި ދިރިއުޅޭ އުމުރުން އަށް އަހަރުގެ ޒިއޮން ހާވޭގެ ދެއަތާއި ދެފައި ޑޮކްޓަރުން ބުރިކޮށްލީ އޭނާގެ އުމުރުން ދެ އަހަރުގައި ޖެހުނު އިންފެކްޝަނެއްގެ ސަބަބުންނެވެ. އެކަން އެގޮތަށް ކުރީ އޭނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ.
ނަމަވެސް އޭނާ އަށް މިހާރު ވަނީ ދެއަތްތިލަ އަލުން ލިބިފަ އެވެ. އެމެރިކާގެ ސީބީއެސްފިލީ ނޫހުން އިއްޔެ ބުނީ ޒިއޮންގެ ދެއަތްތިލަ އަލުން އިންދުމަށް ޗިލްޑްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާގެ ޑޮކްޓަރުން 10 ގަޑި އިރުގެ އޮޕަރޭޝަނެއް ކުރި ކަމަށެވެ. ކުދި ކުދި ނާރުތަކަށް ރަނގަޅަށް ލޭ ދައުރުވާނެހެން ގުޅުވައިލި އެ އޮޕަރޭޝަނަކީ ދުނިޔޭގައި ކުރި އެފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށް ވެސް އެނޫހުން ބުންޏެވެ.
ޒިއޮންއަށް އަލުން ދެއަތް ތިލަ ލިބުނީ އެތައް މަސްތަކެއް ވަންދެން ކުރި މަސައްކަތްތަކުން ކުއްޖެއްގެ ދެއަތްތިލަ ހަދިޔާ ކުރާނެ ބަޔަކު ވުމުންނެވެ. ނަމަވެސް އޭނާއަށް ދެއަތްތިލަ ހަދިޔާ ކުރީ ކޮން ގައުމެއްގެ ކޮން ކުއްޖެއްގެ އާއިލާއިން ކަމެއް ނޫހަކުން ނުބުނެ އެވެ. ނަމަވެސް ބުނެފައި ވަނީ އެ ދެއަތްތިލަ ލިބުނީ "ލޯބިން ދިން ހަދިޔާއެއްގެ ގޮތުގައި" ކަމަށެވެ.
"... އަހަރެންނަށް ވިސްނޭ ގޮތުގައި އެންމެ އުނދަގޫ ކަމަކަށްވީ މަރުވި ކުއްޖެއްގެ ދެއަތްތިލަ ލިބިދީ، ދިރިހުރި ކުއްޖަކަށް އުއްމީދު ދިނުމުގެ ހިތްވަރު ހުރި އާއިލާއެއް ހޯދުން،" ޒިއޮން އަށް ދެއަތް ތިލަ ލިބުނު ގޮތާއި ބެހޭ ގޮތުން ޗިލްޑްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާގެ ޑޮކްޓަރެއް ކަމަށްވާ ސްކޮޓް ލެވިން ބުނެފައިވެ އެވެ.