ފަތުރުވެރިއެއްގެ އަތްދަބަސް ފޭރުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށް އެމީހުން ފޭރުނު ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުރަތަމަ އެމީހުން ހުއްޓުވައި ސުވާލުކޮށްފައިވަނީ ބަނގުރާ ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން އިއްޔެ މެންދުރު 12:35 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެމީހުން ހުއްޓުވައި ސުވާލުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނާގާފައިވާކަމަށް ބެލެވޭ ބައެއް ތަކެތި ފެނުމާއެކު އެމީހުން ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަހުން އެނގުނު ގޮތުގައި އެމީހުން އަތުން ފެނުނު ތަކެއްޗަކީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފޮރިން މިނިސްޓްރީ ކައިރިން ދިޔަ ޖަރުމަން މީހެއްގެ އަތުން ފޭރިފައިވާ ދަބަހެއްގައި ހުރި ބައެއް ތަކެތި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހުންނާ އިތުރަށް ސުވާލުކޮށް ހިންގި ތަހުގީގުން އެ ދަބަހުގައި ހުންނާނެކަމަށް ބުނާ ގިނަ އަދަދެއްގެ ފައިސާއާއި އިތުރު ތަކެތިވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.