ވީއޭއެމް ޕްރެޒިޑެންޓްސްކަޕް އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި ނިލަންދޫ ޔޫތު ލިންކޭޖް(ނީލް) ކުޅުނު 3 ވަނަ މެޗުންވެސް މޮޅުވެ ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބަށްވުރެ 1 މެޗު އިތުރަށް ކުޅެގެން ނީލް މިހާރުވަނީ 3 މޮޅު ހޯދާފައެވެ. އިއްޔެ ހަވީރު ނީލް މޮޅުވީ އެމް އެސް ހެލްޕިން ހޭންޑާއި ވާދަކޮށް ވަރަށް ފަސޭހަކަމާއެކު ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ނީލް ގެންދިޔައީ 25-15،25-11 އަދި 25-3ންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނީލްގެ ބާރު ޖެހުންތެރިޔާ އައިޝަތު ޝައްފަ އެވެ.

ރޭ ކުޅެވުނު މެޗުގައި އަމީނިއްތާ ވޮލީ ކްލަބް އަތުން ސްޕޯޓްސް ކްލަބް ގުޑީސް ވަނީ ވަރަށް ފަސޭހައިން މޮޅުވެފައެވެ. ސީދާ 3 ސެޓުން އެޓީމު މޮޅުވިއިރު ސެޓްތަކުގައި އިދިކޮޅު ޓީމަށް ލިބިފައިވަނީ 7،3 އަދި 2 އެވެ. މޮޅު ކުޅުންތެރިއަކީ ގުޑީސްގެ އައިޝަތު މާޖިދާ އެވެ.

މުބާރާތުގެ އެންމެ ވަރުގަދަ ކުރިމަތިލުން މިރޭ އިރުއޮއްސި 6:45 ގައި ފަށާނެ އެވެ. އެއީ ޕޮލިހާއި ނީލްގެ ކުރިމަތިލުމެވެ. މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ ނިމިގެން ދިޔަ ޑިސެމްބަރ މަހު އޮތް ޤައުމީ ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލުގައެވެ. އެމެޗު ސީދާ 3 ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ޕޮލިސް ކްލްބެވެ.