29 Jul 2015, 09:53
އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ. ޢަބުދުލް ކަލާމް މިދިޔަ ހޯމަ ދުވަހު އަވަހާރަވެފައި ވާތީ ރާއްޖޭގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކަލާމަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރަން ބޭނުންވާ މީހުންނަށްޓަކައި އެކޮމިޝަނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައިވާ ކަމަށެވެ. އެގޮތުން މިއަދާ މާދަމާ އާއި މާދަމާ ނޫން އަނެއް ދުވަހު ހެނދުނު 10.00 އިން ފެށިގެން މެންދުރު ފަހު 13.00 އަށް އެ ދަފުތަރުގައި ސޮއިކުރުމުގެ އިންތިޒާމް ހައިކޮމިޝަނުގައި ހަމަޖެހިފައި އޮންނާނެ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.
އަބުދުލް ކަލާމް އަވަހާރަވުމާ ގުޅިގެން އިންޑިއާ ސަރުކާރުން ވަނީ ހިތާމައިގެ ހަފުތާއެއް އިއުލާނުކޮށްފަ އެވެ.
ހޯމަ ދުވަހު ޢަބުދުލް ކަލާމް އަވަހާރަވީ ޝިލޯންގްގައި ހުންނަ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގައި ތަގުރީރު ކުރައްވަން ހުންނަވަނިކޮށް ކުއްލިއަކަށް ޖެހިވަޑައިގެންނެވި އަލާސްކަންފުޅަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެމުން އަންނަނިކޮށެވެ.
ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގައެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގައެވެ.އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެއެވެ. އެމަސައްކަތްތަކުގެ ސަބުން "މިސައިލް މޭން" ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވިއެވެ.
އިންޑިއާއިން 1998 ވަނަ އަހަރު އުފެއްދި ، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގައެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.