ބްރަސަލްސް (ޖުލައި 29) : ތުރުކީ ސިފައިން އިރާގުގެ އުތުރާއި ސީރިޔާގެ އުތުރުގައި ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް ނޭޓޯ އިން ފުރިހަމައަށް ތާއީދުކޮށްފި އެވެ.

ތުރުކީގެ އެދުމުގެމަތިން ބްރަސަލްސްގައި އިއްޔެބޭއްވި ނޭޓޯގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި އެޖަމާއަތުގައި ހިމެނޭ 28 ގައުމުންވަނީ އިރާގުގެ އުތުރުގައި ހަރަކާތްތެރިވާ ކުރުދީންގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ޕީކޭކޭ އާއި ސީރިޔާގެ އުތުރުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތާ ދެކޮޅަށް ތުރުކީ ސިފައިން މިހާރު ހިންގަމުން ގެންދާ އަސްކަރީ އޮޕަރޭޝަންތަކަށް ފުރިހަމައަށް ތާއީދުކޮށް ތުރުކީ ބޭނުންވެއްޖެ ހާލަތެއްގައި އެގައުމަށް އެހީތެރިވާން ވެސް ތައްޔާރަށްއޮތްކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.
ތުރުކީގައި ދިރިއުޅޭ ބައިމަދު ކުރުދީ ނަސްލުގެ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ ޕީކޭކޭ އާ ދެކޮޅަށް ތުރުކީ ސިފައިން ހަނގުރާމަ އަލުން ފަށާފައިމިވަނީ އެޖަމާއަތުން ހަމަލާދީ ތުރުކީ ސިފައިންގެ ދެމީހުން މަރާލުމާގުޅިގެންނެވެ. ޕީކޭކޭއާއި ތުރުކީ ސިފައިން ފާއިތުވި ތިންއަހަރުއޮތީ ސުލްހައިގެ މަރްހަލާއެއްގަ އެވެ. ސުލްހައިގެ މަރްހަލާއަކަށް ދިޔައީ ތުރުކީގެ ކުރުދީން އުޅޭ ސަރަހައްދުގައި ވަކި ދައުލަތެއް ހެދުމަށް ޕީކޭކޭ ކުރަމުން ގެންދިޔަ ހަނގުރާމަ ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހުއްޓާލުމާ ގުޅިގެންނެވެ.
ނަމަވެސް ސުލްޙަ އުވާލުމަށް ފަހު ޕީކޭކޭ ޖަމާއަތުން ހަމަލާދީ ތުރުކީ ސިފައިންގެ ދެމީހުން މިދޔަ ހަފްތާގައި މަރާލުމާގުޅިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ ޕީކޭކޭ ޖަމާއަތަކީ އިތުބާރު ކުރެވޭ ޖަމާއަތެއް ނޫން ކަމަށާއި އެޖަމާއަތާ އެކު ސުލްޙަ ގާއިމް ކުރުމަކީ މުސްތަހީލް ކަމެއްކަމުގަ އެވެ. އުރުދުޣާން ވިދާޅުވީ ޕީކޭކޭ އަކީ ތުރުކީގެ ގައުމީ ވަހްދަތާއި އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރާ ޕާޓީއެއްކަމުގަ އެވެ. އަދި ޕީކޭކޭ ޖަމާއަތާ ދެކޮޅަށް ހަނގުރާ އަލުން އިޢްލާންކުރި ނަމަވެސް ތުރުކީގެ ކުރުދީ ދަރިކޮޅުގެ ރައްޔިތުންގެ ހައްގުތަކަށް ތުރުކީ ސަރުކާރުން އިޙްތިރާމްކުރާނެ ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅުން ފެށިގެން ތުރުކީގެ ވައިގެ ސިފައިން ގެންދަނީ އިރާގުގެ އުތުރުގައިވާ ޕީކޭކޭގެ އަމާޒުތަކަށް ވައިގެ މަގުން ޙަމަލާތައްދެމުންނެވެ. ތުރުކީ ސިފައިން އައިއެސްއާ ދެކޮޅަށް ހަނގުރާމަ އިޢްލާންކުރީ އެޖަމާއަތުން މިދިޔަ ހަފްތާގައި ތުރުކީގައި ދިން ބޮމުގެ ހަމަލާތަކެއްގައި 28 މީހުން މަރާލުމާ ގުޅިގެންނެވެ.

އިސްލާމީ ގައުމެއްކަމަށްވާ ތުރުކީއަކީ އެމެރިކާ ފިޔަވައި ނޭޓޯގައި އެންމެ ބޮޑު ސިފައިންގެ ލަޝްކަރު އޮންނަ ގައުމެވެ. (ރޮއިޓާސް)