29 Jul 2015, 09:46
ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވި، ރާއްޖެ އިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކޮންސިއުލާ ޖެނެރަލް ގޮޓްފްރިޑް މުކޭގެ ހަށިކޮޅު ޖަރުމަނަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަނޫޝް މިއަދު ސަން އަށް ވިދާޅުވީ މުކޭގެ ހަށިކޮޅު ޖަރުމަނަށް ގެންދިއުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމްތައް މިހާރު އެމިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
މުކޭގެ ހަށިކޮޅު މިވަގުތު އޮތީ ގަލޮޅު ސަހަރާގެ މޯޗަރީގަ އެވެ.
މިނިވަން 50 އަށް ރާއްޖެ ވަޑައިގެން އުޅުއްވި، މުކޭ ނިޔާވެފައި ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް އިއްޔެ ހެނދުނު ވަގުތެއްގަ އެވެ.
އުމުރުން 83 އަހަރުގެ މުކޭ އަކީ އޮނަރަރީ ކޮންސިއުލާ ޖެނެރަލްގެ ގޮތުގައި 32 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން ބުނީ މުކޭ ނިޔާވި ހަބަރަކީ ވަރަށް ފުން ހިތާމައަކާއި ކުއްލި ސިހުމެއް ލިބިގެން ދިޔަ ހަބަރެއް ކަމަށެވެ. އަދި މުކޭއަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ބޭފުޅެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.