10 Mar 2011, 08:10
އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގައި އިންޑޮނޭޝިއާގެ ސްރީވިޖަޔާ އާއި ދެކޮޅަށް ކުޅެން ވީބީ ކުރި ދަތުރުގައި އެއްވެސް ސަބަބެއް އެންގުމަކާ ނުލާ އަލީ އަޝްފާގު(ދަގަނޑޭ) ބައިވެރިނުވި ނަމަވެސް އޭނާ އާއި މެދު ފިޔަވަޅެއް އެޅުމުގެ ވިސްނުން ނެތް ކަމަށް ކްލަބުން ބުނެފި އެވެ.
ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) ބުނީ ދަގަނޑޭ އިންޑޮނޭޝިއާއަށް ދަތުރު ނުކުރި ސަބަބު ކްލަބަށް އަންގާފައި ނުވާ ކަމަށާއި ނަމަވެސް ޓީމު އެނބުރި އައުމުން ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައިވާ ކަމަށެވެ. "ކްލަބްގެ ވިސްނުން އަދިވެސް ހުރީ އަޝްފާގާ މެދު ހަރުކަށި ފިޔަވަޅުތައް ނާޅާ އޭނާއާއެކު ކުރިއަށްދާ ގޮތަށް. ހަގީގަތުގައި އޭނާ އާއި ކްލަބާ ދެމެދު އެއްވެސް މައްސަލައެއް ނެތް." ސަތޯ ބުންޏެވެ.
ނިއުރޭޑިއަންޓްގައި ހުއްޓާ 2008 ވަނަ އަހަރު ވީބީއަށް 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ވީބީއަށް ދަގަނޑޭ ބަދަލުވުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. ސަބަބަކީ އެއީ އެފެންވަރުގެ ކުޅުންތެރިއަކު ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ދިގު ކޮންޓްރެކްޓަށް ވުމެވެ. އޭރުންފެށިގެންވެސް ދަގަނޑޭގެ މުސާރައާއި އެހެނިހެން އިނާޔާތްތައް އޮތީ މީޑިއާއަށް ސިއްރުކޮށްފައެވެ.
ނަމަވެސް ސަތޯ ބުނީ ދަގަނޑޭގެ ކޮންޓްރެކްޓްގައި އޮންނަ ގޮތުން އޭނާއަށް މަހަކު ދޭން ޖެހެނީ 15000 ރުފިޔާ ކަމަށެވެ. "އެކަމަކު ކޮންމެ މަހަކުވެސް 20000 ރުފިޔާގެ ރޭޓުން އޭނާއަށް މުސާރަ ދެމުން މި އަންނަނީ. މިއީވެސް އަޝްފާގަށް ރަނގަޅަށް ކަންތައް ކޮށްދިނުމުގެ ގޮތުން ކްލަބުން ކޮށްދޭ ކަމެއް. މިހާތަނަށް ނޯންނާނެ ކްލަބުން އަޝްފާގުގެ އެގްރިމަންޓްގެ އެއްވެސް ކަމަކާ ޚިލާފުވެފައެއް. ދޭން ޖެހޭ އެއްޗެއްވެސް ބަރާބަރަށް ދެމުން މިދަނީ" ސަތޯ ބުންޏެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި އަޝްފާގާ ކްލަބާ ދެމެދު ގުޅުން ގޯސްވީ އޭނާ އެހެން ކްލަބަކަށްދާން ރިލީޒަށް އެދުމުން ރިލީޒް ނުދިނުމުންނެވެ. އެކަމާ ގުޅިގެން އޭނާ ޕްރެކްޓިހަށް ފަރުވާ ކުޑަކުރިކަމަށް ވާހަކަ ދެކެވޭއިރު އިންޑޮނޭޝިއާއަށް ފުރުމުގެ 1 ދުވަސްކުރިން ކްލަބުން ވަނީ ދަގަނޑޭ މިދިޔަ 3 އަހަރު އެޅީ ކެޕްޓަން ބޭންޑް އޭނާގެ އަތުން އަތުލާފައެވެ. ނަމަވެސް ބޭންޑް އަތުލި ސަބަބެއް އަދި އަދަށްވެސް ކްލަބުން މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.