ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ ބެޑްމިންޓަން މުބާރާތުގެ އަންހެން ސެމީފައިނަލް ފުރަތަމަ މެޗްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ދިރާގު ވާދަ ކުރަން ޖެހުނު އިރު ދެ ވަނަ ސެމީ ފައިނަލް މެޗްގައި ކަސްޓަމްއާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ވާދަކުރަންޖެހިއްޖެއެވެ.

މުބާތާރުގެ ސެމީ ފައިނަލަށް ބީއެމްއެލް ދަތުރުކުރީ އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލްގައި އިމިގްރޭޝަންގެ މައްޗަށް ހަތަރު ސެޓު ދެ ސެޓުން ކުރިހޯދައިގެންނެވެ.

އިއްޔެ ހަވީރު ކުޅުނު ދެ ވަނަ ކްއާޓާ ފައިނަލް މެޗުން މޮޅުވި ކަސްޓަމްސް ސެމީއަށް ދަތުރު ކުރީ ރައީސް އޮފީހުގެ މައްޗަށް ހަތަރު ސެޓް އެއް ސެޓުން ކުރިހޯދައިގެންނެވެ.

ދިރާގު ސެމީ ފައިނަލަށް ދަތުރު ކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗްގައި އެއާޕޯޓްސް ކޮމްޕެނީގެ މައްޗަށް ސިދާ ހަތަރު ސެޓުން ކާމިޔަބު ހޯދައިގެންނެވެ.

ރޭ ކުޅުނު ދެ ވަނަ ސެމީފައިނަލް މެޗުގައި ޕީއެސްއެމުން ކާމިޔާބު ހޯދީ ހަތަރު ސެޓް ދެ ސެޓުން އެސްޓީއޯގެ މައްޗަށް ކުރިހޯދައިގެންނެވެ.

އަންހެން ޑިވިޝަންގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކްއާޓާ ފައިނަލް މެޗްތައް މިއަދު ހަވީރާއި މިރޭ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.