އިންޑިއާގެ ކުރީގެ ރައީސް އޭޕީޖީ އަބުދުލް ކަލާމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ވަރަށް އެހީތެރިވެދިން ބޭފުޅެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.

ކަލާމު އަވާހަރަވުމާ ގުޅިގެން ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ ކުރީގެ ރައީސް ކަލާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނާ އެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"އެގޮތުން މި ދެ ބޭފުޅުން ބައްދަލުކުރައްވާ ދެގައުމުގެ ގުޅުން ބަދަހި ކުރައްވާ އިންޑިއާގެ ފަރާތުން ރާއްޖޭގެ ތަރައްގީގެ އެތައް މަޝްރޫއުއެއް ކުރިއަށް ގެންދެވުމާއި މެދު މަޝްވަރާ ކުރެވި ކާމިޔާބު ކުރެވިފައިވާކަން ފާހަގަ ކުރަމެވެ." ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ކަލާމަކީ އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށެވެ.

ޕީޕީއެމް އިން ބަޔާނެއް ނެރެފައިވާ އިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކަލާމު އަވާހަރަވުމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.

އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ 11 ވަނަ ރައީސްގެ ގޮތުގައި 2005 ވަނަ އަހަރުން 2007 ވަނަ އަހަރާއި ހަމައަށް ހުންނެވި ރައީސް އޭޕީޖީ އަބުދުލް ކަލާމު ކުއްލި ގޮތަކަށް އަވާހަރަވުމަކީ އެޕާޓީއަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ.

"ކަލާމަކީ ވަރަށް އާދައިގެ އާއިލާއަކުން އިންޑިއާގެ އެންމެ މަތީ މަގާމަށް ވަޑައިގެންނެވި ބޭފުޅެއް. އަދި އިންޑިއާގެ ރައްޔިތުން އެންމެ ލޯބިވާ ރައީސަކީ ކަލާމު" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކަލާމު އަވަހާރަވުމާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނު ވެސް ތައުޒިއާ ވިދާޅުވެފައި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދިއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިއާގެ މެސެޖުގައި އަބްދުލް ކަލާމަކީ ރާއްޖޭގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އަދި އެމަނިކުފާނު ރާއްޖޭ އަށް 2010 ވަނަ އަހރު ކުރެއްވި ދަތުުރުފުޅުގެ ހަނދާންތައް އާ ކުރައްވާ ކަަމަށް ވަނީ ވިދާޅުވެފައި އެވެ.

އަބްދުލް ކަލާމް އަވަހާރަވުމަކީ މި ސަރަހައްދަށް ލިބުނު ނިކަމެތި ކަމެއް ކަމަށާއި އަދި އަބްދުލް ކަލާމަކީ ޒަމާނީ ލީޑަރެއް ކަމަށް ރައީސް ޔާމީންގެ ފޮނުންވި މެސެޖުގައިވެ އެވެ. އަދި އެމަނިކުފާނުގެ ހަނދާންތައް ތާއަބަދަށް ދެމިހުންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ޢަބުދުލް ކަލާމް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގެ ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަނެގެން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޮންނެވީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އެ ނޫހުން ބުންޏެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.