09 Mar 2011, 19:41
ދިވެހި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް ޕޮކެޓްމަނީ ދިނުމާ ގުޅޭ ގޮތުން މިއަދު ޖަވާބެއްދެއްވާނެ ކަމަށް މިދިޔަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވި ނަމަވެސް އެ ކުދިންނަށް ޖަވާބެއް ނުލިބޭ ކަމަށް ޔުނިވާސީޓީގެ ދަރިވަރުން ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ޔުނިވަސީޓީގެ ދަރިވަރުން ވަނީ އެކުދިންގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށް ބުނެ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެދުވަހު ރައީސް ވަނީ އެ ކުދިންނާ ބައްދަލު ކުރައްވައި ބުދަ ދުވަހު އެ ކުދިންގެ ޝަކުވާތަކަށް ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޔުނިވަސިޓީ ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެ ކުދިން އުފައްދާފައިވާ "ކުޑަ" ކޮމެޓީން ވާހަކަ ދެއްކި ދިވެހި ބަހުގެ ޑިގްރީ ކޯހުގެ ދަރިވަރު މޫސާ މާހިރު މިއަދު ބުނީ ޕޮކެޓްމަނީގެ މައްސަލައިގާ މިއަދު ޖަވާބެއްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ. ނަމަވެސް ރައީސް އޮފީހާ ހަވާލާދީ މާހިރު ބުނީ އަންނަ ބުދަ ދުވަހަށް ޖަވާބެއް ދެއްވުން ލަސްކުރެއްވި ކަމަށް މިހާރު އަންގަވާފައިވާ ކަމަށެވެ.
"މިއަދު ރައީސްގެ ޖަވާބެއް ޕޮކެޓްމަނީގެ މައްސަލައިގާ ނުލިބޭ. އެކަމު ރައީސް އޮފީހުން ގުޅުއްވާފައި ވިދާޅުވި އަންނަ ބުދަ ދުވަހަށް ޖަވާބު ލަސްކޮށްލައި ދިނުމަށް ރައީސް އެދުނު ވާހަކަ. އަދި އެދުވަހު ޖަވާބެއް ދެއްވާނެ ކަމަށް ވެސް ވިދާޅުވި،" މާހިރު ބުންޏެވެ.
ކުޑަ ކޮމެޓީގެ ބައެއް ދަރިވަރުން މިއަދު ވަނީ ޕޮކެޓްމަނީގެ މައްސަލައިގާ ހިއުމަން ރިސޯސް މިނިސްޓްރީ އަށް ވެސް ގޮސްފަ އެވެ.
މާހިރު ބުނީ ހިއުމަން ރިސޯސް މިނިސްޓްރީ އަށް ދާން ޖެހުނީ ޕޮކެޓްމަނީ ނުދޭގޮތަށް ހިއުމަން ރިސޯސް މިނިސްޓްރީން ނިންމާފައިވާ ކަމަށް މިޑިޔާގައި ރިޕޯޓް ކުރަމުން އަންނާތީ ކަމަށެވެ.
"ރޭގައި އަޅުގަނޑުމެންނަށް ހަބަރު ލިބުނީ މީޑިޔާ އިން، ކެބިނެޓް ބައްދަލުވުމުގައި ނިންމެވިއޭ ޕޮކެޓްމަނީ ނުދޭން. އެހެންވެ އެކަން ސާފުކުރަން ދިޔައީ،" މާހިރު ބުންޏެވެ.
އޭނާ ބުނީ މިނިސްޓްރީގެ އިސް ބޭފުޅަކާ ބައްދަލުކުރަން މިއަދު ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
"މިނިސްޓަރު ނޫޅުއްވާތީ މިނިސްޓަރާ ބައްދަލުވާ ގޮތެއްނުވި. ދެން ހުރި އިސްބޭފުޅަކާ ބައްދަލެއް ނުވި،" މާހިރު ބުންޏެވެ.
މާހީރު ބުނީ މިއަދު ވެސް ޖަވާބެއް ނުލިބުމުން މިހާރު އިންތިޒާރުކޮށްގެން ތިބީ އަންނަ ބުދަ ދުވަހު ރައީސް ދެއްވާ ޖަވާބަކަށް ކަމަށެވެ.
"ކެތްތެރިކަން ކޮޅުން ލައިފި. މިހާރު އަނެއްކާ ހުރިހާ ކުދިން ބުދަ ދުވަހުގެ އިންތިޒާރުގައި [މިތިބީ]. މާހިރު ބުންޏެވެ.
ޔުނިވަސީޓީ ކުދިންގެ ޕޮކެޓްމަނީއާ ބެހޭ ގޮތުން ނިންމަވާފައިވާ ގޮތް ސާފުކުރުމަށް ޕްރެސް ސެކްރެޓަރީއާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ ސަރުކާރުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.