28 Jul 2015, 14:59
އިންޑިއާގެ ކުރީގެ ރައީސް އޭޕީޖީ އަބުދުލް ކަލާމް އަވަހާރަވި ދުވަހު ކަލާމް އަރިހުގައި ހޭދަކުރި ވަގުތުތަކާ ބެހޭ ގޮތުން އޭނާގެ އެހީތެރިޔާ ރޭ ފަތިހު ވަނީ ސޯޝަލް މީޑިއާ، ފޭސްބުކްގައި ވަރަށް ތަފުސީލުކޮށް ލިޔެފަ އެވެ.
އެހީތެރިއެއްގެ ގޮތުގައި ފާއިތުވި ހަ އަހަރު ދުވަސް ހޭދަކޮށްފައިވާ ސްރިޖާން ޕަލްސިންގް ލިޔެފައިވާ ލިއުމުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކަލާމްގެ އެންމެ ފަހު ގަޑިއިރުތަކުގެ ތެރޭގައި ވެސް އޭނާ އެންމެ ގިނައިން ވާހަކަ ދެއްކެވީ އިންޑިއާއާ ދޭތެރޭގައި ކަމެވެ.
"... ޕަންޖާބުގައި ދިން ހަމަލާތަކާ މެދު ކަލާމް ހުންނެވީ ވަރަށް ކަންބޮޑުވެވަޑައިގެންފަ އެވެ. ކުށެއް ނެތް ފުރާނަތަކެއް ގެއްލި ދިއުމުން އޭނާ އަށް ފުން ހިތާމައެއް ލިބިވަޑައިގެންފައިވި އެވެ. އައިއައިއެމް ޝިލޯންގްގައި ދެއްވުމަށް ހަމަޖެހިފައި އޮތް ތަގުރީރުގެ މައުޟޫއަކީ "ދިރިއުޅެވޭ ފަދަ ތަނަކަށް ބިން ހެދުން" އެވެ. އޭނާ އެ ހާދިސާ (ޕަންޖާބްގެ ހަމަލާ) މައުޟޫއާ ގުޅުވައިލެއްވި އެވެ،" ސްރިޖާން ލިޔެފައިވެ އެވެ.
އިންޑިއާގެ ގައުމީ ކަންކަމުގެ ތެރެއިން ކަލާމް ދެން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ސްރިޖާން ލިޔެފައި ވަނީ އިންޑިއާގެ ޕާލަމެންޓް ރަނގަޅަށް މަސައްކަތް ނުކުރާ މައްސަލަ އެވެ. ތަރައްގީއާ ގުޅޭ ސިޔާސީ މަސައްކަތްތަކެއް ކުރާ ތަނަކަށް ޕާލަމެންޓް ހެދޭނެ ގޮތެއް ހޯއްދަވަން އޭނާ ވަރަށް ބޮޑަށް ބޭނުންވެވަޑައިގެންނެވި ކަމަށް ވެސް ލިޔެފައިވެ އެވެ.
"ދެން އޭނާ އެދިވަޑައިގެންނެވީ އައިއައިއެމް ޝިލޯންގްގެ ދަރިވަރުންނަށް ތަގުރީރަށް ފަހު ދެއްވާ ސަޕްރައިޒް އެސައިންމެންޓް ސުވާލެއް ތައްޔާރު ކުރުމަށެވެ. އޭނާ ލަފާ ދެއްވީ މިހާރަށް ވުރެ އުފެއްދުންތެރިކޮށް މަސައްކަތްކުރާ ތަނަކަށް ޕާލަމެންޓް ހެދޭނެ އީޖާދީ ތިން ގޮތެއް ހޯދަން ދަރިވަރުންނާ ހަވާލު ކުރުމަށެވެ،" ސްރިޖާން ލިޔެފައިވެ އެވެ.
ޑރ. ކަލާމްގެ ހިތްތިރިކަން ދައްކުވައިދޭ ކަމެއް ވަރަށް އިބުރަތްތެރި ކަމެއް ވެސް އޭނާގެ ލިއުމުގައި ފާހަގަކޮށްފައިވެ އެވެ. އެއީ ގުވާހަތީ އެއާޕޯޓުން އައިއައިއެމް ޝިލޯންއަށް ކާރުގައި ކުރި ދަތުރުގައި ކަލާމް ކަމަކާ މެދު ކުރެއްވި ޝަކުވާއެކެވެ.
"އަހަރެމެން ދަތުރުކުރީ ހައެއް ނުވަތަ ހަތް ކާރު ހިމެނޭ ގާފިލާއެއްގަ އެވެ. ޑރ. ކަލާމާއި އަހަރެން ތިބީ ކުރިން ދެވަނައަށް އޮތް ކާރުގަ އެވެ. އަހަރެމެންގެ ކުރީގައި އޮތީ މަތި ހާމައަށް ހުން ޖިޕްސީއެކެވެ. އޭގައި ސިފައިންގެ ތިން މީހުން ތިއްބެވެ. އެއް ދެމީހުން ތިބީ ދެފަރާތުގައި އިށީނދެ އެވެ. އަދި ހިކޮކޮށް ހުރި އެކަކު ބަޑި ހިފައިގެން މަތީގައި ކޮޅަށް ހުއްޓެވެ. އެގޮތުގައި ގަޑިއެއްހާއިރު ވުމުން ކަލާމް ވިދާޅުވި އެވެ. 'އޭނާ ކޮޅަށް އެހުރީ ކީއްވެ؟ އޭނާ ވަރުބަލިވާނެ. މިއީ އަދަބެއް ކަހަލަ ކަމެއް، ވަޔަލެސް މެސެޖެއް ފޮނުވިދާނެތަ އޭނާ އިށީނުމަށް ބުނަން،" ސްރިޖާން ލިޔެފައިވެ އެވެ.

ބަޑި ހިފައިގެން ދަތުރުގައި ކޮޅަށް ހުރި ސިފައިންގެ މީހާއާ އާއި ކަލާމް ސަލާމް ކުރައްވަނީ.
އޭނާ ލިޔެފައިވާ ގޮތުގައި ސިފައިންގެ މީހާ ކައިރީ އިށީންނަށް ބުނެވޭނެ ގޮތެއް ނުވި އެވެ. ނަމަވެސް ދޮޅު ގަޑިއިރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ކަލާމް އެކަމާ ވާހަކަފުޅު ދެއްކެވި އެވެ. ދެން އެއީ ކުރެވޭނެ ކަމެއް ނޫންކަން ވިސްނިވަޑައިގެންނެވުމުން ވިދާޅުވީ އޭނާ ސިފައިންގެ މީހާއާ ބައްދަލުކުރައްވައި ޝުކުރު އަދާކުރައްވަން ބޭނުން ވެވަޑައިގަންނަވާ ކަމަށް ކަލާމް ވިދާޅުވި އެވެ.
"...އަހަރެމެންނަށް އައިއައިއެމް ޝިލޯންގް އަށް ފޭބުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓާ މީހުން ތިބި ތަނަށް ގޮސް ހޯދަނިކޮށް، ކޮޅަށް ހުރި މީހާ ފެނުނެވެ. އަރެން އޭނާ އެތެރެއަށް ވެއްދީމެވެ. ކަލާމް އޭނާއަށް މަރުހަބާ ވިދާޅުވެ، އަތާއި އަތްޖޯޑުކުރައްވައި ސަލާމް ކުރެއްވި އެވެ.
'ކަލޭ ތިހިރީ ވަރުބަލިވެފައިތަ؟ އެއްޗެއް ކާން ބޭނުންތަ؟ އަހަރެންނާ ހެދީ އެހާ ގިނަ އިރު ކޮޅަށް ހުންނަން ޖެހުނީތީ މައާފަށް އެދެން،' އޭނާއާ މުހާތަބުކުރައްވައި ކަލާމް ވިދާޅުވި އެވެ" ސްރިޖާންގެ ލިއުމުގައިވެ އެވެ.