28 Jul 2015, 14:27
ރާއްޖޭގެ މިނިވަން ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެރުނު ރަމްޒީ ނޫޓު އެއާޕޯޓު ޑިއުޓީ ފުރީގައި ވިއްކަން ފަށައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ރަމްޒީ ނޫޓު ވިއްކަން ފެށީ ރޭގެ ވަގުތެއްގައި ކަމަށެވެ. އޮފިޝަލް ވިދާޅުވީ ރަމްޒީ ނޫޓު ގަންނަން ބޭނުންވާ ފަރާތްތަކަށް 500 ޑޮލަރަށް ރަމްޒީ ނޫޓު ގަންނަން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން [އެމްއެމްއޭޭ] އިން ވާނީ އެކޮޅަށް [އެއާޕޯޓަށް] ރަމްޒީ ނޫޓު ވިއްކަން ހަވާލުކޮށްފައި. ހުރިހާ އެރޭންޖުމަންޓެއް ހަމަޖައްސާފައި އަޅުގަނޑުމެން ވާނީ. މިހާރު އެކޮޅުން ހަމަ ލިބޭނެ." އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ މާދަމާ އިން ފެށިގެން އެމްއެމްއޭ އިން ވެސް ރަމްޒީ ނޫޓު ލިބެން ހުންނާނެ ކަމަށެވެ.

ރަމްޒީ ނޫޓާ ގުޅޭ މައުލޫމާތު ހިމެނޭ ބޯޑެއް ޑިއުޓޫ ފުރީގައި ބަހައްޓާފައި: ސަން ފޮޓޯ: ކިޔުންތެރިއެއް
މިނިވަން ކަމާ ގުޅިގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ނެރުނު މި ރަމްޒީ ނޫޓު ނެރެފައި ވަނީ މިނިވަން 50 ގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެވެ.
އެ ނޫޓު ނެރެދެއްވީ ރާއްޖެ މިނިވަން ކުރުމުގެ މަޝްވަރާތައް އިނގިރޭސީންނާ އެކު ކުރެއްވި އަބްދުއް ސައްތާރު މޫސާ ދީދީ އެވެ.
އެމްއެމްއޭ ގަވަރުނާ ޑރ. އަޒީމާ އާދަމް ވަނީ ރައީސް ޖުމްހޫރިއްޔާއަށް އޭގެ ނޫޓެއް ހަދިޔާ ކުރައްވާފަ އެވެ.
މީގެ ކުރިން މިނިވަން ދުވަހާ ގުޅިގެން މުޅިން ވެސް ނެރެފައިވަނީ ފައިސާ ފޮއްޗެވެ. ކަރުދާހުގައި ނޫޓެއް ނެރުނު މިއީ ފުރަތަމަ ފަހަރެވެ.
އަބްދުއް ސައްތާރު އެނޫޓް ނެރެދެއްވަނީ-- ސަން ފޮޓޯ: ޔޫސުފް ސޮއްފާން
އެނޫޓުގެ ކުރެހުމުން ރަމްޒުކޮށްދޭ ކަންކަން
- 1965 އިން 2015 އަށް މިގައުމު ދެކެފައިވާ ތަރައްގީ (މީގެ 50 އަހަރު ކުރިންނާއި މިއަދު މާލޭ އުތުރު ފަރާތު މަލަމަތި ފެންނަ ފޮޓޯ އަސްލަކަށް ބަލައިގެން ކުރެހުމެއް)
- ދިވެހި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގެ ރަސްމިއްޔާތު
- ދިވެހިންގެ އަމިއްލަ ވަންތަކަމާއި ފަންނުވެރިކަމާއި އިސްލާމީ އާދަކާދަ އާއި ތަރިކަ.
އެމްއެމްއޭ އިން ބުނީ އެނޫޓަކީ ރާއްޖޭގެ ތާރީހުގައި ވެސް "ޕޮލިމާ" ކަރުދާހަށް ޕުރިންޓުކޮށް ނެރެވޭ ފުރަތަމަ ފައިސާ ކަމަށެވެ. ފަސްހާސް ރުފިޔާގެ އެނޫޓް ވިޔަފާރީގެ މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ ކަމަށާއި ނަމަވެސް ބޮޑަށް އެނޫޓް ބޭނުން ކުރެވޭނީ މިނިވަން50 ގެ ހަދާނަކަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.