28 Jul 2015, 14:19
އިންޑިއާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އެންމެ ފުރަތަމަ ނިއުކްލިއަ ސައިންޓިސްޓް ޑރ. އޭޕީޖީ އަބުދުލް ކަލާމް ފަސްދާނުލުން އޮއްނާނީ ބުރާސްފަތި ދުވަހު ކަމަށް އިންޑިއާގެ ސަރުކާރުން ހާމަކޮށްފި އެވެ.
ޖަނާޒާ އޮއްނާނީ ބުރާސްފަތި ދުވަހު އިންޑިއާގެ ޓެމިލްނާޑޫގެ ރޭމްސްވަރަމްގައި ކަމަށް އިންޑިއާގެ ނޫސްތަކުގައި ވެސް ވަނީ ރިޕޯޓުކޮށްފަ އެވެ.
އަބްދުލް ކަލާމް އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 84 ކެވެ.
ޢަބުދުލް ކަލާމް އަވަހާރަވީ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގެ ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ.
އަބްދުލް ކަލާމްގެ ހަށިކޮޅު މިއަދު ވަނީ ދިއްލީއަށް ގެންދެވިފަ އެވެ. ދިއްލީ ޕާލަމް އެއާޕޯޓަށް ކަލާމްގެ ހަށިިކޮޅު ގެންދެވުނު ވަގުތު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސް ޕުރަނާބް މުކަރުޖީ ވަނީ އެއާޕޯޓަށް ޒިޔާރަތްކުރައްވާފަ އެވެ.
މިހާރު ދިއްލީގައި އިންޑިއާ ސަރުކާރުގެ އިސްވެރިންނާއި ސަރުކާރުގެ މުވައްޒަފުންނަށް ކަލާމް އަށް އެންމެފަހުގެ އިހުތިރާމް އަދާކުރުމުގެ ގޮތުން މޫނު ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިއަދު ހަތަރަކުން ފެށިގެން އާންމުންނަށް އެފުރުސަތު ހުޅުވާލާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މިހާރުވެސް ގިނަ ބަޔަކު ވަނީ ރައީސް ކަލާމްގެ މޫނު ދެކިލުމަށް ކިއުގައި ޖެހިފަ އެވެ.
އިންޑިއާގެ ކުރީގެ ރައީސް އަބްދުލް ކަލާމް އަވަހާރަވުމާ ގުޅިގެން އެއީ ގައުމީ ހިތާމައެއް ކަމުގައި ނިންމައި އެގައުމުގެ ދިދަ ހަތް ދުވަހަށް ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވިދާޅުވީ ފިޒިކްސް އާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެމަސައްކަތްތަކުގެ ސަބަބުން "މިސައިލް މޭން" ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ.
އިންޑިއާއިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީ އާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާ އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.