އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު އެކުލަވާލާ ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގައި ރާއްޖެ ހިމަނައި، ޓްރެފިކިން ހުއްޓުވަން އިތުރަށް މަސައްކަތް ކުރުމަށް އެގައުމުން ރާއްޖެއަށް ގޮވާލައިފިއެވެ.

އެމެރިކާއިން ރޭ ނެރުނު " ޓްރެފިކިން އިން ޕާސަންސް " ރިޕޯޓްގެ މިއަހަރުގެ އަދަދުގައި ރާއްޖެ ހިމަނާފައި ވަނީ " ޓިއާ 2 ވޮޗް ލިސްޓް"ގައެވެ. އެއީ ޓްރެފިކިންގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ގައުމުތައް ހިމެނޭ ލިސްޓެވެ.

ރިޕޯޓްގައި ރާއްޖެއަށް ހާއްސަކޮށްފައިވާ ބައިގައި، ކުރަން ލަފާ ދޭ ކަންކަމުގެ ތެރޭގައި ހިމެނެނީ ޓްރެފިކް ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ތަހުގީކޮށް ދައުވާކުރުމަށް ކުރާ މަސައްކަތް އިތުރުކުރުން ހިމެނެއެވެ.

މީހުން މަސައްކަތަށް ގެނައުމުގެ މަސައްކަތް ކުރާ އެޖެންޓުންނާއި ކުންފުނި ތަކުގެ ތެރެއިން އޮޅުވައިލުމުގެ ހަރަކާތްތައް ހިންގާ ފަރާތްތަކުގެ ކަންތައްތައް ބަލައި އަދަބު ދިނުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. ހިއުމަން ޓްރެފިކިންއާ މެދު އާއްމުން ހޭލުންތެރިކުރުވުން ވެސް އެއީ ކުރަން ލަފާދޭ ކަމެއްގެ ގޮތުގައި އެމެރިކާއިން ފާހަގަކޮށްފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޓިއާ 2 ލިސްޓްގައި ހަތަރު އަހަރު ރާއްޖެ ހިމެނުމަށް ފަހު އެލިސްޓުން ރާއްޖެ އުނިކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. ނަމަވެސް މިއަހަރު އަލުން ހިމަނާފައި ވަނީ ޓިއާ 2 ވޮޗްލިޓްގައެވެ.