09 Mar 2011, 19:29
ސްޓްރަސްބާގް : ލީބިޔާގެ އިދިކޮޅު ފަރާތްތަކުން ބެންޣާޒީގައި އެކުލަވާލާފައިވާ އިންތިޤާލީ މަޖިލިސް (ވަގުތީ ސަރުކާރު) ގެ އިސްދެ މަސްއޫލުވެރިއަކާ ޔޫރަޕްގެ އިއްތިޙާދު ޚާރިޖީ ކަންތައްތަކާބެހޭ ވެރިޔާ ކެތްރިން އެޝްޓޮން، ސްޓްރަސްބާގް ގައި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމަށް ފަހު އެޝްޓޮން ވިދާޅުވީ މިއީ ލީބިޔާގެ މިހާރުގެ ޙާލަތު އޮޅުންފިލުވައި ލީބިޔާގެ ކަންތައްތައް ސާފުކުރުމުގެ ގޮތުން ބޭއްވި ބައްދަލުކުރެއްވުމެއް ކަމުގައެވެ.
އެޝްޓޮން ބައްދަލުކުރެއްވި ލީބިޔާގެ އިދިކޮޅު ދެމަސްއޫލުވެރިންނަކީ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ޚާރިޖީ ވިލަރެސްވެރިޔާ ޢަލީ އަލްޢީސާވީ އާއި މައްސަލަތަކާބެހޭ ކޮމިޓީގެ ވެރިޔާ މަޙްމޫދު ޖިބްރީލެވެ. ޢަލީ ޢަލްޢީސާވީއަކީ ގައްޒާފީގެ ސަރުކާރުން ދާދިފަހުން އިސްތިއުފާދެއްވި އިސްޑިޕްލޮމޭޓެކެވެ. އިސްތިއުފާ ދެއްވިއިރު އޭނާ ހުންނެވީ އިންޑިޔާގައި ހުންނަވާ ލީބިޔާގެ ސަފީރު ކަމުގެ މަޤާމުގައެވެ.
ޚަބަރު ލިބޭގޮތުން މިއަދުގެ ވަގުތެއްގައި ފަރަންސޭސި ޚާރިޖީ ވަޒީރު އެލަން ޖުޕޭ ވެސް ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ މިދެމަސްއޫލުވެރިންނާ ބައްދަލުކުރައްވާނެއެވެ. މިއީ ޔޫރަޕްގެ އިއްތިޙާދުން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހަށް ރަސްމީގޮތުން އިޢްތިރާފްވުމަށްޓަކައި އަޅަމުންގެންދާ ފިޔަވަޅުތަކެއް ކަމަށް މުރާސިލުން ބުނެއެވެ.
އިންތިޤާލީ މަޖިލީހަކީ ގައްޒާފީގެ އަތްދަށުން މިނިވަންކުރެވިފައިވާ ލީބިޔާގެ ސަރަޙައްދުތަކުގައި ވެރިކަންކުރާ އިދިކޮޅު ފަރާތްތަކުން ވަގުތީ ސަރުކާރެއްގެ ގޮތުގައި ހިންގާ އިދާރާއެކެވެ. މިއިދާރާގެ މަރުކަޒު ހުންނަނީ ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ބެންޣާޒީގައެވެ. މިމަޖިލީހުގެ ވެރިއަކީ ގައްޒާފީގެ ސަރުކާރުން ދާދިފަހުން އިސްތިއުފާދެއްވި ޖަސްޓިސް މިނިސްޓަރ މުސްތަފާ ޢަބްދުލްޖަލީލެވެ.
ޔޫރަޕްގެ ޤައުމުތަކުގެ އިތުރުން އެމެރިކާވެސް ގެންދަނީ ލީބިޔާއާއެކު ކުރަންޖެހޭ މުޢާމަލާތްތަކުގައި މި މަޖިލީހުގެ މެންބަރުންނާ ގުޅންތައް ބާއްވަމުންނެވެ. މިކަމާގުޅިގެން ގައްޒާފީވަނީ ވަރަށް ބޮޑަށް ކޯފާވެގެން ވާހަކަ ދައްކަވާފައެވެ.
ގައްޒާފީ ވިދާޅުވަނީ އޭނާގެ ވެރިކަމުގެ ނިޒާމުން ބޭރުވުމުގެ އެއްވެސް ޙައްޤެއް ލީބިޔާގެ ރައްޔިތުންނަށް ނެތްކަމަށާއި އޭނާގެ ނިޒާމުން ބޭރުވާ ކޮންމެ މީހަކީ ފަނިފަކުސަފަދައިން މަރާލަންޖެހޭ މީހެއް ކަމުގައެވެ.
(އަލްޖަޒީރާ)