14:30


ލާމަރުކަޒީ އުސޫލުން ހިންގުމާ ގުޅުން ހުރި ހުރިހާ ބިލެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ފަސްކުރުމަށްފަހު މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ގަރާރެއް ހުށަހަޅުއްވައިފި އެވެ.


ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މިއަދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު ފުރަތަމަ ކިއުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ގަރާރު ހުށަހެޅުއްވީ، ރައްޔިތުންގެ އަތްމައްޗަށް ދޭންޖެހޭ ކަމަށް ގާނޫނު އަސާސީން ބުނެފައިވާ ބާރުތަކެއް ދިނުން މިހާރު ވެސް މާ ލަސްވެފައި ވުމާއި، މި ކަމަށް ބާއްވަންޖެހޭ އިންތިހާބު ބާއްވަން ތައްޔާރުވުމަށް ފަސް މަސް ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނަށް ދޭންޖެހޭ ކަމަށް މި ބިލުގައި ބުނެފައިވާއިރު މި ދަނޑިވަޅުގައި މަޖިލިސް ޗުއްޓީއަށް ހިނގައްޖެނަމަ އެކަންތައް އިތުރަށް ލަސްވާނެތީ ކަމަށެވެ. އަދި މި ގަރާރު ހުށަހެޅުއްވީ، ބައެއް މެންބަރުންގެ ތާއީދާ އެކީ ކަމަށާއި، އަތޮޅުތަކުން އިންތިހާބުވެފައިވާ މެންބަރުން ވެސް ރައްޔިތުންގެ ވިންދާ އެއްގޮތަށް ތާއީދުކުރައްވައިފިނަމަ ސަރުކާރުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ލިބުން އަވަސްވެގެންދާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވަހީދު އަދި ވިދާޅުވީ، ޕްރޮވިންސްތައް އެއްކޮށް އުނިކުރުމަށްފަހު، ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މައްޗަށް ރައްޔިތުންގެ ބާރު ލިބިދޭ ގޮތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގެ މަސއްކަތް މަޖިލީހުގެ ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މިއަދު ހުށަހަޅުއްވާނެ ކަމަށާއި، އިސްލާހްތަކާއެކު ބިލަށް ވޯޓަށް އެއްސެވުން މި މަހުގެ ފަހު ހަފްތާގައި ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބިލުގެ މަސައްކަތްތައް ލަސްކޮށް ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދިނުމަށް އެމްޑީޕީން ހުރަސްއަޅާކަން ފާހަގަ ކުރައްވައި، އަލީ ވަހީދު ވިދާޅުވީ، ލާމަރުކަޒީ ބިލާ މެދު ސުޕްރީމްކޯޓުގެ ލަފަޔަކަށް އެދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައި ވަނީ ވެސް އެކަން ލަސްކުރުމަށް ކަމަށެވެ. އަދި ބިލު ދިރާސާކުރާ ކޮމިޓީގައި ހިމެނޭ އެމްޑީޕީގެ މެންބަރުންގެ އެއްބާރުލުން ނުލިބޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.