މިނިވަން 50ގެ ރަސްމީ ދަރުބާރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން ގިނަ ބައެއްްގެ ލޮލުގައި އެންމެ އަޅައިގަތީ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާގެ ހެދުމުގަ އެވެ.

ފަސްބައި ދިގު، ފުޅާ ބޮޑު ހުދު ހެދުމެއްގައި އުނޫޝާ ހުރި އިރު، ހެދުމުގެ ވަކި ހިސާބަކުން ލައިޓްއަޅުވައި، އެކި ފަހަރު އެކި ޑިޒައިނަށް ހެދުމުގެ ކުލަޔާއި ޑިޒައިން ބަދަލުވަމުން ދިޔައިރު ވަރަށް ވެސް ހިތްގައިމެވެ.

މިނިވަން 50ގެ ރަސްމީ ދަރުބާރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން އުނޫޝާގެ ހުށަހެޅުން -- ފޮޓޯ/ އުނޫޝާ އެފްބީ

އެކި ގައުމުތަކުގައި ތަފާތު ޝޯތަކުގައި އޭގެ ހެދުން ފެނުނު ނަމަވެސް ރާއްޖޭގައި އޭގެ ހެދުމެއް ފެނިގެން ދިޔަ މިއީ ފުރަތަމަ ފަހަރަށެވެ. "ޕްރޮޖެކްޝަން ޑްރެސް"ގެ ނަންދީފައިވާ އެ ހެދުމެއް ރާއްޖޭގައި އެންމެ ފުރަތަމަ ލުމުގެ ޝަރަފު ވެސް މި ލިބުނީ އުނޫޝާއަށެވެ.

މިނިވަން 50 ހުގެ ރަސްމީ ދަރުބާރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން އުނޫޝާގެ ހުށަހެޅުން -- ފޮޓޯ -- އުނޫޝާ އެފްބީ

ޕްރޮޖެކްޝަން ޑްރެސް މަޝްހޫރުވީ ޖޭލޯ ލުމުން

އާންމުންގެ ތެރެއަށް ޕްރޮޖެކްޝަން ޑްރެސް މަޝްހޫރުވީ ދުނިޔޭގެ މަޝްހޫރު އަދި އެންމެންގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ޖެނީފާ ލޮޕޭޒް (ޖޭލޯ) އޭގެ ހެދުމެއް ލުމުނެވެ.

އެމެރިކަން އައިޑޮލްގައި ޖެނިފާ ލޮޕޭޒް ޕްރޮޖެކްޝަން ޑްރެސްއެއްގައި -- ފޮޓޯ -- ޕްރޮޖެކްޝަން މެޕިން

މިދިޔަ މާޗު މަހުގެ ތެރޭގައި އެމެރިކަން އައިޑޮލްގެ ޝޯއެއްގައި ޖޭލޯ ލާފައިވާ އެހެދުމުން ރީތި ތަފާތު ޑިޒައިންތަކާއި އެނިމޭޝަންތަށް ފެނިގެން ދިޔުމުން ގިނަ ބަޔަކު ތިބީ އާޝޯހުވެފަ އެވެ.

ޖޭލޯގެ އެ ހެދުމުގައި 20 ފޫޓުގެ ދިގު ވަށް ތިރިއެއް ވަނީ ހަރުކޮށްފަ އެވެ. ހެދުމުގެ ދިގު މިނުން ވަނީ ސްޓޭޖްގެ ބޮޑުބައެއް ފޮރުވާލާފަ އެވެ.

އެމެރިކަން އައިޑޮލްގައި ޖެނިފާ ލޮޕޭޒް ޕްރޮޖެކްޝަން ޑްރެސްއެއްގައި -- ފޮޓޯ -- ޕްރޮޖެކްޝަން މެޕިން

ޖޭލޯގެ އެހެދުން ލުމުގެ މާކުރިން ވެސް އޭގެ ހެދުން ތަފާތު ހުށަހެޅުންތަކުގައި ގިނަ ބަޔަކު ވަނީ ބޭނުންކޮށްފަ އެވެ. އޭގެތެރޭގައި ހޮލީވުޑް އަދި ބޮލީވުޑްގެ މަޝްހޫރު ތަރިން ވެސް ތަފާތު ހުށަހެޅުނަތަކުގައި ޕްރޮޖެކްޝަން ޑްރެސް ވަނީ ބޭނުންކޮށްފަ އެވެ.

ހެދުން ފެހުމަށް 125 ފޮތި މުށް ބޭނުންވި - އުނޫޝާ

މިނިވަން 50 ހުގެ ރަސްމީ ދަރުބާރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން އުނޫޝާގެ ހުށަހެޅުން -- ފޮޓޯ -- އުނޫޝާ އެފްބީ

އެ ހަފްލާގައި އުނޫޝާ ލާފައި ހުރި ބޮޑު ހެދުން ފެހުމަށް 125 މުށް ފޮތި ބޭނުންވި ކަމަށް ހެދުމުގެ ކަންކަމާ ހަވާލުވެހުރި އުނޫޝާގެ ފިރިމީހާ ހަމީޝް ބުންޏެވެ.

ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހުގެ މަސައްކަތުން ހެދުން މުޅި ނިމިފައިވާ އިރު ހެދުން ފަހާފައި ވަނީ މަޝްހޫރު ފެހުންތެރިޔާ އަދި އުނޫޝާގެ ހުރިހާ ހެދުމެއް ވެސް ފަހަދޭ ޝިމްލާ އެވެ.

ހެދުމުގެ ތިރިއަށް އެކިފަހަރު އެކި ކުލައިން ބަދަލުވަމުން ދިޔަ އެނިމޭޝަން ތައްޔާރުކޮށްފައި ވަނީ އޮޓޯ ކްރިއޭޓިވްސް އިންނެވެ. އަދި ޕްރޮޖެކްޝަންގެ މަސައްކަތްކޮށްފައި ވަނީ ޑިވިޝަންސް އޮފް އޯޑިއޯވިޝުއަލްސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިނިވަން 50 ހުގެ ރަސްމީ ދަރުބާރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން އުނޫޝާގެ ހުށަހެޅުން -- ފޮޓޯ -- އުނޫޝާ އެފްބީ

ހަމީޝް ބުނީ ހުރިހާ ކަމެއް ފުރިހަމަ ވެގެންދިޔައީ މުޅި ޓީމުގެ އެއްބާރުލުމާއި މަސައްކަތުން ކަމަށާއި މުޅިހުށަހެޅުމާ މެދުވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

މުންކޮ އަދި ތިއޭޓާ މިރާޒް ގުރޫޕަށް ހިޔާލަށް ތައްޔާރުކުރި އެ "ޕްރޮޖެކްޝަން ޑްރެސް" ލުމުގެ ފުރުސަތު އުނޫޝާއަށް ލިބުމުން ވަރަށް އުފާވިކަމަށް ހަމީޝް ބުންޏެވެ.

"ވަރަށް ހެޕީ މިކަހަލަ ފުރުސަތެއް ކިޑީ[އަނޫޝާ] އަށް ލިބުނީމަ، މި ފުރުސަތަށް ޓަކައި ސަރުކާރަށް އަދި ހާއްސަކޮށް އިވެންޓް މެނޭޖް ކުރި މުންކޮ އަދި ތިއޭޓަ މިރާޒްގެ އިތުރުން އޮޓޯ ކްރިއޭޓީވް އަށް ވެސް ވަރަށް ބޮޑަށް ތެންކްސް،" ހަމީޝް ބުންޏެވެ.

އެރޭގެ ހަފްލާގައި އުނޫޝާ ހުށަހަޅާފައި ވަނީ ރާއްޖޭގެ ރީތި ކަމަށް ތައުރީފުކޮށް މުޅިން އަލަށް ތައްޔާރުކޮށްފައިވާ "ސަނީ ސައިޑް އޮފް ލައިފް" އެވެ. އެލަވަ ވަރަށް އަވަހަށް ރިލީޒްވެގެން ދާނެ ކަމަށް އުނޫޝާ ވަނީ ބުނެފަ އެވެ.

އުނޫޝާގެ ހެދުން ގިނަބަޔަކަށް ކަމުދިޔަ

މިނިވަން 50 ހުގެ ރަސްމީ ދަރުބާރުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގެ ތެރެއިން އުނޫޝާގެ ހުށަހެޅުން -- ފޮޓޯ -- އުނޫޝާ އެފްބީ

މިނިވަން 50 ހުގެ ރަސްމީ ދަރުބާރުގައި އުނޫޝާ ލީ ޕޮރޮޖެކްޝަން ޑްރެސްއަށް ގިނަބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ. ހެދުމުގެ އުފެއްދުން ތެރިކަމާއި ރީތި ކަމާއި ތަފާތު ކަމަށެވެ.

ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އުނޫޝާގެ ހެދުމަށް ވަނީ އަމާޒުވެފަ އެވެ. ފާޑުކިޔުންތަކަށް އުނޫޝާ ވަނީ މަރުހަބާ ކިޔާފަ އެވެ. އުނޫޝާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އެދެވޭ އަދި ނޭދެވޭ ފާޑުކިޔުންތަކަށް ވެސް މަރުހަބާ ކިޔާ ކަމަށާއި، އެއީ ލިބޭ ކުރިއެރުމެއް ކަމަށް ދެކޭ ކަމަށެވެ.

އުނޫޝާގެ އެހެދުމަށް ތައުރީފު ކުރި މީހުން ވެސް މަދެއް ނޫނެވެ. ގިނަ ބަޔަކު ދެކުނު ގޮތުގައި ރާއްޖޭން ބޭރުގެ ގިނަ އިއްޒަތްތެރިން ތިބި އެފަދަ ހަފްލާއެއްގައި އެހެދުމުގެ ސަބަބުން ވެސް ރާއްޖޭ ކުރިއަރާފައިވާ މިންވަރު ފެނިގެން ދިޔަ އެވެ.