މިނިވަން 50 ފާހަގަ ކުރުމުގެ ގޮތުން އެކި ކުލަބޮކިތަކުން މާލެ ދިއްލާފައިވާ ދިއްލުންތައް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ދެމި އޮންނާނެ ކަމަށް ހޯމް މިނިސްޓުރީން ބުނެފި އެވެ.

މާލޭގެ އެކި ސަރަހައްދުތައް އެކި ޑިޒައިނަށް ވަނީ ކުލަ ބޮކިތަކުން ޒީނަތްތެރި ކޮށްފަ އެވެ. އަދި ހަމައެއާ އެކު ސަރުކާރު މުއައްސަސާތައް ހުންނަ އިމާރާތްތައް ވެސް ވަނީ މިނިވަން 50 ފާހަގަކުރުމުގެ ގޮތުން އެކި ކުލަތަކުން ޒީނަތްތެރިކޮށްފަ އެވެ.

މާލޭގެ މަގުތައް މިނިވަން 50 އަށް ޒީނަތްތެރި ކުރުން ކުރިއަށް ގެންގޮސްފައި ވަނީ މުބާރާތެއްގެ ގޮތުގަ އެވެ.

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒު ސަލީމް) މިއަދު "ސަން" އަށް ވިދާޅުވީ އަންނަ މަހުގެ 10 އަކަށް ދިއްލުންތައް ބެހެއްޓުމަށް ނިންމީ އެ ދިއްލުންތައް ބަލައިލާ އާންމު ރައްޔިތުން ވެސް އުފާކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.

"އަނެއްކާ އަޅުގަނޑުމެން މާލެ ޒީނަތްތެރި ކުރުން ކުރިއަށް މި ގެންދިޔައީ މުބާރާތެއްގެ ގޮތަށް. އެހެންވީމާ އޭގެ ވަނަ ހޮވުން އެބައޮވޭ. ކުރިން ވެސް އަޅުގަނޑުމެން ވާނީ އެކަން ހިއްސާކޮށްފައި. އެހެންވީމާ އޭގެ ވަނަ ދިނުމުގައި ވަގުތުކޮޅެއް ބޭނުންވާތީވެ އަންނަ މަހުގެ 10 އަކަށް ދިއްލުންތައް ހުންނާނެ." ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މާލެ ޒީނަތްތެރިކުރުމުގެ ވަނަ ހޮވުން އޮންނާނީ އެސްއެމްއެސް އެއް ކޮށްގެން ކަމަށެވެ. އެހެންނަމަވެސް އެކަމަށް "އަދި ބަދަލެއް އައިސްދާނެ" ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މުބާރާތުގެ ވަނަތައް ހޮވުމުގެ ކަންކަން ދައުލަތުގެ މީޑިއާ ޓީވީއެމް އާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިވަން 50 އަށް މާލެ ޒީނަތްތެރި ކުރުމުގެ މުބާރާތުން އެއްވަނަ އަށްދާ ފަރާތަކަށް 50،000 ރުފިޔާ ދެވަނައަށް ދާ ފަރާތަކަށް 25،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައި އެވެ.