28 Jul 2015, 12:40
ރާއްޖޭގައި އަސްކަރީ ބޭހެއް ހަދަން ޗައިނާއިން ރާވަމުން ނުދާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ނޫސްއެޖެންސީ ރޮއިޓާސް އިން ބުނީ ޗައިނާގެ ފޮރިން މިނިސްޓްރީން އެހެން ބުނީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމުން، ޗައިނާގެ އަސްކަރީ ބާރުވެރިކަން ފުޅާ ކުރުމަށް އެ އިސްލާހު ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން އިދިކޮޅު ފަރާތްތަކުން ފާޅުކޮށްފައި ވާތީ ރޮއިޓާސްއަށް ފޮނުވި ބަޔާނެއްގައި ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ވޯޓަކީ (ގާނޫނު އަސާސީ އަށް އިސްލާހެއް ގެނައުމަށް މަޖިލީހުގައި ނެގި ވޯޓަކީ) ރާއްޖޭގެ ދާޚިލީ މައްސަލައެއް ކަމަށެވެ. ނަމަވެސް ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވަން ޗައިނާއިން ބޭނުންވާ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާއިން ދިވެހިރާއްޖޭގައި ބޭސް އެއް ގާއިމްކުރަން އުޅޭ ކަމަށް ބުނި ބަޔަކު އެބުނި ވާހައަކީ އެއްވެސް އަސްލެއް ނެތް ވާހަކައެކެވެ.ޗައިނާގެ ފޮރިން މިނިސްޓްރީ
ރޮއިޓާސްގެ ހަބަރުގައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އޮޕަރޭޓްކުރުމަށް، ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ ސަބަބުން ހައްދެއް ނެތް ބާރު ލިބޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި ހަރަކާތްތެރިވުން ޗައިނާއަށް ފަސޭހަ ކޮށްދިނުމަށް ކަމަށް އެމްޑީޕީގެ މެމްބަރަކު ވިދާޅުވި ކަމަށް ވެސް ރޮއިޓާސްގައި ވެއެވެ.