ދުނިޔޭގެ މޫސުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނައުމަށް ޓަކައި އެމެރިކާގެ ވަރުގަދަ 13 ކޯޕަރޭޝަން އަކުން އެންމެ މަދުވެގެން ޖުމްލަ 140 ބިލިއަން އެމެރިކާ ޑޮލަރު ހޭދަ ކުރުމަށް ނިންމަފި އެވެ.

މޫސުމާއި ތިމާވެއްޓަށް އަންނަ ބަދަލުތައް މަދު ކުރުމަށް ވައިޓް ހައުސް އިން ކުރިއަށް ގެންދާ ހަރާކާތުގައި އިއްޔެ ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ބޮޑެތި ޓެކް ކުންފުނިތައް ކަމަށްވާ މައިކްރޯސޮފްޓް އާއި ގޫގަލް އަދި އެޕަލް ހިމެނެ އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީގެ ހާޒިރުގައި އެއްބަސްވުމުގައި ސޮއި ކުރި ކުންފުނިތަކުގެ ތެރޭގައި ބޭންކް އޮފް އެމެރިކާ އާއި ކޮކާ ކޯލާ އާއި ޔުނައިޓެޑް ޕާސެލް ސާވިސް އާއި ވޯލްމާޓް ސްޓޯސް އާއި ކާގިލް އަދި ޕެޕްސީ ފަދަ ކުންފުނި ހިމެނެ އެވެ.

އެ ކުންފުނިތަކުގެ ފަރާތުން ގާއިމު ކުރެވޭ ފަންޑުގެ އެހީގައި ތިމާވެއްޓަށް ގެއްލުންދޭ ކަންތައް ހުއްޓުވުމަށް ބޮޑެތި މަސައްކަތް ކުރާނެ ކަމަށް އެމެރިކާގެ ރައީސް އޮފީހުން ބުންޏެވެ. އޭގެއިތުރުން ފެން ބޭނުން ކުރާ ވަރު ކުޑަ ކުރުމާއި 1،600 މެގަވޯޓުގެ އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ މެކޭނިޒަމް އެއްވެސް އެ އެއްބަސްވުމުގެ ދަށުން ގާއިމް ކުރެވޭނެ އެވެ.

ވައިޓް ހައުސް އިން ބުނިގޮތުގައި އިތުރު ކުންފުނިތަކަކާ ގުޅިގެން މި ޕްރޮޖެކްޓްގެ ދެވަނަ ބުރެއްވެސް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށެވެ.