28 Jul 2015, 11:53
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އޮސްޓްރިއާގެ ތިން ވަނަ ޑިވިޝަންގެ ކުލަބަކަށް ކުޅޭ މަނިއު ރައުފާއި މާޒިޔާގެ އަޙްމަދު ނާޝީދު (ނާއްޓޭ) ބަކީކޮށް އައިއޯއަޖީގައި ވާދަކުރާ 20 ކުޅުންތެރިންގެ ސްކޮޑް ފައިނަލްކޮށްފި އެވެ.
މިމަހު 13 ވަނަ ދުވަހު ސްކޮޑް އިއުލަން ކުރިއިރު 25 ކުޅުންތެރިންގެ ސްކޮޑުން އެކިއެކި ސަބަބުތަކާ ހެދި އިތުރު ތިން ކުޅުންތެރިޔަކު ވަނީ ބާކީކޮށްފަ އެވެ. އެއީ ކުރިން ވެސް އަނިޔާގެ މައްސލަތައް ކުރިމަތިވެފައިވާ މާޒިޔާގެ ފޯވަޑް އަސަދުﷲ ޢަބްދުﷲ އާއި މަހިބަދޫ ސްޕޯޓްސް ކުލަބުން ޓީމަށް ނެގި ދެ ކުޅުންތެރިން ކަމުގައިވާ ޤާސިމް ސައްމާމްއާއި ސަމޫހް ޢަލީއެވެ.
މިފަހަރުގެ ސްކޮޑްގައި ކެޕްޓަން ޢަލީ އަޝްފާޤް (ދަގަނޑޭ) އާއި އަނިޔާގައި ހުރި އެއް ނަންބަރު ގޯލް ކީޕަރު ޢިމްރާން މުޙައްމަދު ޓީމްގައި ނުހިމެނެ އެވެ. ދަގަނޑޭ ޓީމްގައި ނުހިމެނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް އޭނާ ކުޅޭ މެލޭޝިއާގެ ޓީމުން ރިލީސް ނުދޭތީ އެވެ. މީގެ އިތުރުން ވައިސް ކެޕްޓަން މުހައްމަދު ޢާރިފް (ބަކާ)އަށް ވެސް އޭނާ ކުލޭ މިޔަންމަގެ ކޭބީޒެޑް އެފްސީއިން ރިލީސް ނުދޭތީ ޓީމްގައި ނުހިމެނެ އެވެ.
މިފަހަރުގެ ސްކޮޑުން ކޯޗް ވެލިޒާ ޕޮޕޯވް ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައިވާ އިރު ޕޮޕޯވް ކުރިން ބުނެފައި ވަނީ މިމުބާރާތަކީ ޢިމްރާންއާއި އަޝްފާގް ނުލައި ކުޅެން ދަސްކުރަން ޖެހޭ މުބާރަތް ކަމަށެވެ.
"މިހާރު އަހަރެމެން ޖެހޭ ދަސްކުރަން އަޝްފާޤާއި ޢިމްރާން އަދި މުޙައްމަދު ޢާރިފު (ބަކާ) ވެސް ނެތި ކުޅުން." ޕޮޕޯވް ބުންޏެވެ.