09 Mar 2011, 19:27
އޮލިމްޕިކް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި މިއަދު ހަވީރު ރާއްޖޭގެ 23 އަހަރުންދަށުގެ ޓީމާ ދެކޮޅަށް ނުކުންނައިރު ހޮންކޮންގ ޓީމަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގެ ގަދަ ހޫނު ކަމަށް އެޓީމުގެ ކޯޗު ބުނެފި އެވެ.
ހޮންކޮންގ ޓީމުގެ ކޯޗު ސެން ވައި ޗުންގ ބުނީ މިދުވަސްވަރަކީ ހޮންކޮންގގެ ފިނިމޫސުމުގެ ދުވަސްވަރު ކަމަށާއި އެހެންކަމުން ރާއްޖޭގެ ގަދަ ހޫނުގައި ކުޅެން ޖެހުމަކީ މައްސަލައެއް ކަމަށެވެ. "އެހާ ފިނީގައި އުޅެފައި އައިސް ހޫނުގައި ކުޅެން ވަރަށް އުނދަގޫވާނެ. އެކަން ޕްރެކްޓިސް ތަކުގައިވެސް ފެނުނު." ކޯޗު ބުންޏެވެ.
ކޯޗު ބުނީ ގަދަ ހޫނުގައި ކުޅެެން ޖެހުނަސް މޮޅުވުން ނޫން އެހެން އެއްވެސް އަޒުމެއް ހޮންކޮންގ ޓީމުން ބޭނުން ނުވާ ކަމަށާއި ނުކުންނާނީވެސް އެ އަޒުމުގައި ކަމަށެވެ. އަދި ރާއްޖޭގެ ކުޅުމަށް އޭނާ ވަނީ ތައުރީފުވެސް ކޮށްފައެވެ.
"އަހަރެމެންނަށް ފުރަތަމަ މެޗުގައިވެސް ފުރަތަމަ ހާފުގައި ރާއްޖެއިން އުނދަގޫތަކެއް ކުރި. އަހަރެމެންނަށް ބޭނުންވާ ގޭމާ ހިސާބަށް ދެވުނީ ދެވަނަ ހާފުގައި" ތަޖުރިބާކާރު ކޯޗު ބުންޏެވެ.
މިދެޓީމު މީގެ ދެ ހަފްތާ ކުރިން ހޮންކޮންގގައި ބައްދަލުކުރި މެޗުން ރާއްޖެ ބަލިވީ 4-0 ލަނޑުންނެވެ. އެހެންކަމުން ކޮލިފައިންގެ ފުރުސަތު ރާއްޖެއަށް ވަނީ ވަރަށް ހަނިވެފައެވެ.
ރާއްޖޭގެ ކޯޗު އާޖެންޓީނާގެ ކުރުސިއާނީ ބުނީ މެޗުން މޮޅުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ނަމަވެސް 5 ލަނޑުގެ ތަފާތަކުން މޮޅުވުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.
ކޯޗު ބުނީ މިމެޗަށް ނުކުންނައިރު ރާއްޖޭގެ ޓީމު ފިޓީ 70 ޕަސެންޓް ކަމަށެވެ.