28 Jul 2015, 11:11
މިިއިން ދުވަހަކު ނުކުރާވަރަށް މާލެތެރެ ޒީނަތްތެރިކޮށް "އެޖާދޫގައި" އެތައް ބަޔަކު އެވަނީ ޖައްސައިފަ އެވެ. މުޅި މާލެ އެ ވަނީ އެތައް ކުލައަކުން ޖަރީކޮށްފަ އެވެ.
މީގެ ކުރިން މުޅިންހެން މީހުން އުފުލުމުގެ ދަތުރުކުރަނީ ކާރުތަކެވެ. ނަމަވެސް މިނިވަން 50 ފޯރި ބަލަން މީހުން އުފުއްލަން ފަށާފައި މިވަނީ ޕިކަޕުތަކެވެ. ޑިމާންޑް އިންތިހާއަށް އިތުރެވެ.
މުޅި މާލެ ކުލަބޮކިން ޖަރީކޮށްފައިވާ އިރު އެތައް އާއިލާއަކުން ކޮންމެ ރެއަކު މާލެތެރެ ބެލުމަށް ޕިކަޕުތަކުގައި އެބަ ނުކުމެ އެވެ. އުފަލާއި މަޖަލުގައި ކުރާ އެދަތުރުތަކުގެ ސަބަބުން އެ ދަތުރުތަކުން މާލޭގެ ޒީނަތްތެރިކަން ފަސޭހައިން ބަލާލުމުގެ ފުރުސަތު ލިބެ އެވެ.
"ހަމަ ފެމެލީ އެންމެން ރާވާލައިގެން ޕިކަޕު ބުރަކަށް ދަނީ، ޕިކަޕު ވީމަ ފަސޭހައިން ފެނޭ މުޅި ސަރަހައްދު." ޕިކަޕު ބުރުގެ ތަޖުރިބާ ހިއްސާކުރަމުން އައިމިނަތު ޝަފްނާ ބުންޏެވެ.

އާއިލާތަކުން މާލެ ތެރެ ބަލަން ޕިކަޕު ބުރެއް ޖަހަނީ--
މިއީ މިބަންދާ އެކު ކޮންމެ ރެއަކުވެސް މާލެއިން ފެންނަ މަންޒަރެކެވެ. ކުދި ބޮޑު އެތައް ބަޔަކު އެއް ޕިޕަކެއްގައި އުފާވެރިކަމާ އެކު މާލޭގެ ޒީނަތްތެރި ކަމުގެ އުފާ ލިބިގަންނަނީ އެވެ. އާއިލީ ގުޅުން ބަދަހިކޮށްލަން މިއީ ރަނުގެ ފުރުސަތެކެވެ.
ޕިކަޕު ސެންޓަރެއްކަމަށްވާ "މާލޭ ޕިކަޕު ދިރުން"ގެ އޮފިޝަލަކު ބުނި ގޮތުގައި މިނިވަން 50 އާ އެކު މާލެތެރެ ޒީނަތްތެރިކަން ބެލުމަށް ކޮންމެ ރެއަކު ވެސް ޕިކަޕުތަކަށް ބާރުބޮޑުވެފައިވެ އެވެ. މާދަން ރެއަށް އެކަނިވެސް އެސެންޓަރުން ކުޑަޕިކަޕުގެ 20 ޕިކަޕު އަދި ބޮޑެތި ޕިކަޕުގެ 15 ޕިކަޕު ބުކްކޮށްފައިވާ ކަމަށް ބުންޏެވެ.
އެސެންޓަރުން ކުޑަ ޕިކަޕެއްގައި މާލެތެރެ ބަލާލުމުގެ އެއް ގަޑިއިރުގެ ދަތުރަކަށް 140 ރުފިޔާ ނަގާއިރު ބޮޑު ޕިކަޕަކަށް ނަގަނީ 180 ރުފިޔާ އެވެ. އެވަރުން ވެސް އިންތިހާއަށް ޑިމާންޑް އޮންނަ ކަމަށް އެސެންޓަރުން ބުންޏެވެ.
އާންމުގޮތެއްގައި ބަރު ނުވަތަ ޕިކަޕު ހަޑިވާ ޒާތުގެ މުދާ އުފުލަން ޖެހިފައިވާ ޕިކަޕު ޑްރައިވަރުންނަށް މިހާރު މިވަނީ މާ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ކޮންމެ ރެއަކު އެތައް ސަތޭކަ ރުފިޔާއެއް އެ ހޯދަނީ ހިތްގައިމު ދަތުރުތަކަކަށް ފަހު އެވެ. އެކަމަށް އިންތިހާއަށް ޑިމާންޑް އެބައޮތެވެ.

އާއިލާތަކުން މާލެ ތެރެ ބަލަން ޕިކަޕު ބުރެއް ޖަހަނީ--
"ދަތުރު ވަރަށް ގިނަ އެއްޗެއް [ޕިކަޕެއް] ނުލިބިފަ އޮންނަނީ، ވަރަށް އެގޮތަށް ނަގާ." އެހެން ޕިކަޕު ސެންޓަރެއް ކަމަށްވާ ޕިކަޕު ސާވިސްއިން ބުންޏެވެ.
މާލެ ތެރެ ބަލަން ޖަހާ ހިތްގައިމު ދަތުރެއް އެސެންޓަރުން ކޮށްދެނީ ކުޑަޕިކަޕެއް ގަޑިއިިރަކަށް 250 ރުފިޔާއަށެވެ. ބޮޑު ޕިކަޕެއް ނަމަ 400 ރުފިޔާއަށެވެ.
އާންމު ދަތުރުފަތުރަށް ބޭނުންކުރާ ވެހިކަލްއަކީ ކާރު ކަމުގައިވީ ނަމަވެސް މިފަހަރު މިކަންވެފައި މި ވަނީ އެއާ އިދިކޮޅަށެވެ. މިފަހަރު ޑިމާންޑް ބޮޑުވެފައި މިވަނީ އާންމުކޮށް މުދާ އުފުލާ ޕިކަޕު ތަކަށެވެ. ސަބަބަކީ ކާރަށް ވުރެ ރީތިކޮށް ޕިކަޕުގައި ތިބޭއިރު ޒީނަތްތެރިކަން ރީޗަށް ފެނުމެވެ.
"މަގުތައް ބަލާލަންވެގެން ބޮކިތައް ދިއްލާފައި ހުންނައިރު ބަލާލަން މިދުއްވަނީ، ކާރު އެއްޗެހީގަިއ ހުންނައިރު ނުވެއް ފެންނާނު ޕިކަޕުގައި ތިބޭއިރު ފެންނާނީ." ޕިކަޕު ޑުރައިވަރަކު ބުންޏެވެ.
މިނިވަން 50 އާއެކު ފޯރި ކިތަންމެހާ ވެސް ގަދައެވެ. އެތައް ބަޔަކު މިވަނީ އެޒީނަތްތެރިކަން ބަލަން ނުކުމެފަ އެވެ. އާއިލީ ގުޅުން ބަދަހިކުރުމުގެ ތެރެއިންނެވެ. އެތައް ބަޔަކު އެއްވެހިކަލެއްގަ އެވެ.