ދުއްވުން މަނާ ވަގުތުގައި ދުއްވައިގެން 94 މީހަކާމެދު ފިޔަވަޅު އަޅައިފި އެވެ.

މިނިވަން ދުވަހުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކުރުމުގެ ގޮތުން ޓްރާންޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ ދުއްވުން މަނާ ވަގުތުގައި އިއްޔެ ދުއްވައިގެން 1،967 މީހަކަށް ނަސޭހަތްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން މިއަދު ބުނީ ޓްރާންޕޯޓް އޮތޯރިޓީން އިއްޔެ ހަވީރު 5:00 އިން 8:00 އަށް ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށް ދުއްވައިގެން 94 މީހަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 61 މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މަނާވަގުތު ދުއްވި މީހުންގެ ތެރޭ ކުރިން ލައިސަންސް ހިފަހައްޓާފައިވަނިކޮށް 16 މީހަކު ދުއްވާފައިވާ ކަމަށެވެ. އަދި އެއް ގޮތަކަށް ވެސް ލައިސަންސް ނެތި 17 މީހަކު އިއްޔެ ދުއްވާފައިވާ ކަމަށެވެ. އޭގެތެރެ އިން 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިއަދު ވެސް ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ހިނގާފައި އުޅޭ ވަގުތެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ކަނޑައަޅާފަ އެވެ.