ފުރަތަމަ ފަހަރަށް ނައިޖީރިއާގެ ތާރިހުގައި އެއް އަހަރުގެ މުއްދަތަށް (365 ދުވަސް) ޕޯލިއޯގެ އެއްވެސް މައްސަލައެއް ރެކޯޑުކޮށްފައި ނުވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޕޯލިއޯގެ މައްސަލައެއް ނައިޖީރިއާގައި ހުށަހަޅާފައި ނުވާއިރު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން އެ ކަށަވަރު ކުރުމުން ޕޯލިއޯގެ މައްސަލަ ހުރި ގައުމުތަކުގެ ލިސްޓުން ނައިޖީރިއާ ނެގޭނެ އެވެ. ނަމަވެސް އެ ލިސްޓުން ނައިޖީރިއާ ނެގޭނީ އިތުރު ދެ އަހަރަކު ޕޯލިއޯގެ އެއްވެސް ރެކޯޑެއް ނުފެނިއްޖެ ނަމަ އެވެ.

ޑަބްލިއުއެޗްއޯގެ ރެކޯޑުތަކުން ދައްކާގޮތުގައި މި އަހަރު އަދި މިހާތަނަށް ޕޯލިއޫގެ ކޭސްތަކެއް ރެކޯޑު ކުރެވިފައި ވަނީ ހަމައެކަނީ ޕާކިސްތާން އާއި އަފްޣާނިސްތާން އެވެ.

ބައިނަލްއަގުވާމީ ސިއްހީ މާހިރުން ދެކޭ ގޮތުގައި ރަނގަޅަށް ބެލުމަށް ފަހު ރަނގަޅު ވެކްސިން އާ އެކު ޕޯލިއޯ ދުނިޔެއިން ފޮހެލެވޭނެ ކަމަށެވެ.

އިންފެކްޝަސް ބައްޔެއްކަމަށްވާ ޕޯލިއޯއަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ވައިރަސްގެ ސަބަބުން އިންސާނާގެ ނާވަސް ސިސްޓަމް އަށް ގެއްލުންވެ އެމީހަކު އުމުރު ދުވަހަށް ޕެރަލައިޒްވުން އެކަށީގެންވެ އެވެ.

ކޮންމެ އުމުރެއްގައި ވެސް ޕޯލިއޯ ޖެހުމަށް މެދުވެރިވި ނަމަވެސް ބޮޑަށް އެ ބަލި ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ތުއްތު ކުދިންނަށެވެ. އެކަމަށް ހައްލެއްގެ ގޮތުގައި ގިނަ އަދަދަކަށް ވެކްސީން ދެވޭނެ އެވެ.