28 Jul 2015, 10:35
ގއ. ވިލިނގިލީގައި ފުލުހުންތަކަކަށް ހަމަލަދިން ކަމުގެ ތުހުމަތުގައި ހައްޔަރުގައި ތިބި 10 މީހުންގެ ތެރެއިން ހަތް މީހަކު ދޫކޮށްލައިފި އެވެ.
ވިލިނގިލީގައި ފުލުހަކު ޒުވާނުންތަކަކަށް އަނިޔާ ކުރި ކަމަށް ބުނެ، މިމަހުގެ 21 ވަނަ ދުވަހު އާންމުންގެ ބަޔަކު ފުލުހުންނާ ކުރިމަތިލައި ތިން މީހެއްގެ ބޯ ފަޅާލި މައްސަލައާ ގުޅިގެން ޖުމްލަ 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
ނަމަވެސް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އެމީހުންގެ މުއްދަތު ޖަހަން ފުރަތަމަ ފަހަރު ގެންދިއުމުން ވަނީ އޭގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލުމަށް ފަހު 10 މީހެއްގެ ބަންދުގެ މުއްދަތު ޖަހާފަ އެވެ. އަދި އެ 10 މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް އިއްޔެ ގެންދިއުމުން ވަނީ އޭގެ ތެރެއިން ހަތް މީހަކު ދޫކޮށްލުމަށް ފަހު ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭގެ ތެރެއިން ދެ މީހަކަށް ހަތް ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވާ އިރު، އަނެއް މީހާއަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުންތަކަކަށް ހަމަލަދިން މައްސަލައާ ގުޅިގެން އިއްޔެ ވެސް ވަނީ އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި އުމުރުން 23 އަހަރުގެ މީހަކު އިއްޔެ މެންދުރު 1:30 ހާއިރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެމީހާގެ ބަންދަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ވިލިނގިލީ ކައުންސިލުން ބުނެފައި ވަނީ އެ ހަމަނުޖެހުންތައް ފެށުނީ އެ ރަށު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކު ޑިއުޓީއަށް ނުކުމެ، ޒުވާނުންނަށް އަނިޔާ ކުރަން ފެށުމުން ކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގަމުންދަނީ އެންމެ ފުލުހެއް ކަމަށާއި އޭނާ ފުލުހުންގެ ޑިއުޓީއަށް ނުނެރުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ ވިލިނގިލީ ޒުވާނުންތަކަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.