28 Jul 2015, 10:23
ރާއްޖޭގެ އަންހެން ކުދިން ބާރުވެރިކުރުމަށް މަސައްކަތް ކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ރައިޓްސް އޮފް ޗިލްޑްރެން ( އާކް) އިން ހިންގާ ކެމްޕޭނަކަށް އެހީވާން އިނގިރޭސި ސަރުކާރުން އެއްބަސްވެއްޖެ އެވެ.
އާކް އިން ބުނީ "ގްރޭސް ކެމްޕެއިން"ގެ ނަމުގައި ހިންގާ އެ ކެމްޕޭނަށް އެހީތެރިވުމަށް ކޮލަމްބޯގައި ހުންނަ އިނގިރޭސި ހައިކޮމިޝަނާއި އެ ޖަމިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ގްރޭސް ކެމްޕޭނަކީ އަންހެންކުދިންގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތްކުރާ ކެމްޕޭނެއް ކަމަށް އާކްއިން ބުންޏެވެ. އެގޮތުން އަންހެން ކުދިންނަށް ހުރި އެކި އެކި ތައުލީމާއި ވަޒީފާގެ ފުރުސަތު ތަކަށް އެކުދިން ހޭލުންތެރި ކުރުވުމަށް އެ ކެމްޕޭނުގައި މަސައްކަތް ކުރާނެ އެވެ. ފުރުސަތުތައް ހޯދުމަށް ބޭނުންވާ މުހިއްމު ހުނަރުތައް ދަސްކޮށްދިނުމަކީ ވެސް ކެމްޕޭނުގެ ބައެކެވެ. އިޖުތިމާއީ، ސަގާފީ އަދި އިގުތިސާދީ ގޮތުންނާއި އަންހެން ކުއްޖަކަށް ވީތީ ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމަށް ވެސް އެ ކެމްޕޭނުގައި މަސައްކަތް ކުރާނެ ކަމަށް އާކް އިން ބުންޏެވެ.
އިނގިރޭސި ހައިކޮމިޝަނުން އެއްބަސްވެފައި ވަނީ އެ ކެމްޕޭނުގައި އާކްއާ ގުޅިގެން އަށް މަސްދުވަހު މަސައްކަތް ކުރުމަށެވެ. އެގޮތުން ކުރާނެ މަސައްކަތްތަކަކީ ތައުލީމީ އަދި ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުމުގެ މަގު އަންހެން ކުދިންނަށް ތަނަވަސްކޮށްދިނުމާއި ތަފާތު ފަންނުތަކަށާއި މަތީ ފަންތީގެ ވަޒީފާތަކަށް އަންހެން ކުދިން ޝައުގުވެރިކުރުވުމުގެ ބައްދަލުވުންތައް ބޭއްވުމެވެ. އަންހެނުން ބާރުވެރިކުރުވުމުގެ މުހިއްމުކަމާ މެދު މުޖުތަމައު ހޭލުންތެރި ކުރުވުމަށް މީޑިއާ ކެމްޕެއިނެއް ހިންގުމަކީ ވެސް އެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެކެވެ.
އާކް އިން ބުނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް އިނގިރޭސި ހައިކޮމިޝަނުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް އާކް އިން ބުންޏެވެ.