ޕަންޖާބު (ޖުލައި 28) : އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ޕަންޖާބުގެ ފުލުހުންގެ މަރުކަޒެއް ހިސާރުކޮށް 10 މީހުން މަރާލި ގްރޫޕްގައި ހިމެނޭ އެންމެން މަރާލެވިއްޖެކަން އިންޑިއާ އިން ހާމަކޮށްފި އެވެ.

ޕަންޖާބުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑީއާ ބުނާގޮތުން ޕަންޖާބުގެ ގުރްދާސްޕޫރު ޑިސްޓްރިކްޓްގެ ފުލުހުންގެ މަރުކަޒަށް އިއްޔެ ކުއްލި ޙަމަލާތަކެއްދީ 10 މީހުން މަރާލީ ތިން މީހުންގެ މައްޗަށް އެކުލެވޭ ހަތިޔާރުއެޅި ޖަމާއަތެއްގެ ބައެއްކަމަށާ އެއީ ކަޝްމީރުގައި އިންޑިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތަކަށް ނިސްބަތްވާ ބައެއްކަމަށް ލަފާކުރެވޭ ކަމުގަ އެވެ. މިގްރޫޕް މަރާލައި ފުލުހުންގެ މަރުކަޒު ހިސާރުން ސަލާމަތް ކުރުމުގައި އިންޑިޔާގެ ސިފައިން ވެސް ވަނީ ފުލުހުންނަށް އެހީތެރިވެދީފަ އެވެ.

މި ގްރޫޕްގެ ހަމަލާތަކުގައި މަރާލި މީހުންގެ ތެރޭގައި ޕަންޖާބުގެ ފުލުހުންގެ އޮފްސަރަކު ވެސް ހިމެނެ އެވެ. މިގްރޫޕުން ފުރަތަމަ ކާރެއް އަތުލައިގަނެ ކާރުގައި ގޮސް ހަމަލާތައްދިނީ ބަސްސްޓޭޝަނަކަށް ކަމަށްވެ އެވެ. އެއަށް ފަހު ގުރްދާސްޕޫރުގެ ފުލުހުންގެ މަރުކަޒު ހިސާރު ކޮށް އަދި ބަޑިޖަހަމުން އެތަނަށް ވަދެގަނެ 10 މީހުން މަރާލީކަމަށް ޕަންޖާބުގެ ފުލުހުން ބުނެއެވެ. (ބީބީސީ)