ރިޔާޒް (ޖުލައި 28) :ސީރިޔާގެ ރައީސް ބައްޝާރުލްއަސަދާ ނުލައި އެގައުމުގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސައޫދީ އަރަބިޔާ އިން ހާމަކޮށްފި އެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވިދާޅުވީ ސީރިޔާގެ ވެރިކަން ފޮރޮޅާލުމުގެ ބަދަލުގައި ރައީސް ބައްޝާރުގެ ބަދަލުގައި އެހެންބޭފުޅަކު ސޫރިޔާގެ ވެރިކަމުގައި ހުންނަވާ ގޮތަށް އެގައުމުގެ މައްސަލަ ސިޔާސީގޮތުން ހައްލުކުރުމަށް ސައޫދީ އަރަބިޔާ މިހާރު ތާއީދުކުރާ ކަމަށާ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން މިކަމަށް ސައޫދީން މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ. ސައޫދީ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ ބައްޝާރު ނޫންބޭފުޅަކު ވެރިކަމުގައި ހުންނަވާގޮތަށް ސީރިޔާގެ މައްސަލަ ހައްލުކުރުމަށް އެމެރިކާ މަސައްކަތްކުރަމުން ގެންދާނެކަން ހާމަކުރައްވާފަ އެވެ.

ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމަކީ އީރާނުގެ ތާއީދު ލިބިފައިވާ ނިޒާމަކަށްވާތީ އެނިޒާމު ވައްޓާލުމަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ފައިސާއާއި ހަތިޔާރުދީގެން ސައޫދީންނާއި ހުޅަނގުގެ ބާރުތަކުން ކުރިމަސައްކަތް ނާކާމިޔާބުވެފައިވާ އިރު މިކަމުގެ ސަބަބުން ހިނގަމުންދާ ސީރިޔާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ދެލައްކައަށް ވުރެ ގިނަމީހުން މަރުވެ 9 މިލިޔަން މީހުން ރެފިއުޖީންނަށްވެ ސީރިޔާގެ ބޮޑުބައެއްވަނީ ހަލާކުވެ ވީރާނާވެފަ އެވެ.

ސައޫދީ އަރަބިޔާ އާއި ހުޅަނގުގެ ބާރުތައް ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތްކޮށްފައި ވަނީ ބައްޝާރުގެ އަނިޔާވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރުގެ ކުރީކޮޅު ސީރިޔާގެ ރައްޔިތުން ސުލްހަވެރިކަމާ އެކު އުތުރިއަރަން ފެށުމުން އެކަމުގެ ފައިދާނަގައިގެންނެވެ. ނަމަވެސް ބާރުގެ ބޭނުންކޮށްގެން ބައްޝާރުގެ ސަރުކާރުންވަނީ ރައްޔިތުންގެ އުތުރިއެރުން މައިތިރިކޮށްފައެވެ. މިއާޚިލާފަށް ސައޫދީ އަރަބިޔާއަކީ 2011 ވަނަ އަހަރު މިސްރުގެ ރައްޔިތުން ހުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް އުތުރިއަރަން ފެށުމުން އެކަމާދެކޮޅުހަދައި ހުސްނީ މުބާރަކުގެ ނިޒާމު ހިމާޔަތް ކުރުމަށް މަސައްކަތް ކުރި ގައުމެކެވެ. ހުސްނީ މުބާރަކުގެ ވެރިކަމަކީވެސް ބައްޝާރުގެ ވެރިކަންފަދަ ރައްޔިތުންނަށް އަނިޔާވެރި އަދި އާއިލީ ކުލަވަރު ޖެހިފައިވާ ނިޒާމެކެވެ.

އަދި މުބާރަކުގެ ވެރިކަމަށް ފަހު މިސްރުގައި އުފެދުނު ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގެންނެވި އަސްކަރީ އިންގިލާބުގެ ފަހަތުގައިވާކަމުގެ ތުހުމަތުވެސް ސައޫދީންގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި ލީބިޔާގެ ދާޚިލީ ހަނގުރާމައިގެ އެއްކޮޅު ކަމަށްވާ ޖެނެރަލް ޚަލީފާ ހަފްތަރުގެ ހަނގުރާމަވެރިންނަށް އަސްކަރީގޮތުންނާއި މާލީގޮތުންނާއި ސިޔާސީގޮތުން މަދަދުދޭކަމުގެ ތުހުމަތުވެސް ސައޫދީއާއި ޔޫއޭއީގެ މައްޗަށް ކުރެވިފައިވެ އެވެ.

ސައޫދީއަށް ވަޑައިގެން އުޅުއްވާ ވިލާތުގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވިލަރެސް ވެރިޔާ ފްރެޑްރިކާ މޮގިރީނީ އެކު ސައޫދީ ޚާރިޖީވަޒީރު އާދިލްއަލްޖުބައިރު އިއްޔެ ކުރެއްވި މަޝްވަރާތަކުގައި ސޫރިޔާގެ މައްސަލައާއި ލީބިޔާގެ މައްސަލަ ހިމެނޭކަމަށް ސައޫދީ ރަސްމީ ނޫސްއެޖެންސީ ބުނެ އެވެ. މޮގިރީނީ އާއެކު ބޭއްވި ނޫސް ކޮންފަރެންސް ޖުބައިރު ވިދާޅުވީ ގަލްފުގެ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އީރާން ވަންނަމުންދާކަން އީރާނުގެ މަސްއޫލުވެރިންގެ ދެއްވަމުން ގެންދަވާ ބަޔާންތަކުން ހާމަވަމުންދާކަމަށާ މިއީ ސައޫދީ އަރަބިޔާއާއި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ގައުމުތަކަށް ގަބޫލުކުރެވޭނެ ކަމެއްނޫންކަމުގަ އެވެ. މޮގިރީނީ ސައޫދީ އަށް ވަޑައިގެން މިއުޅުއްވަނީ ދުނިޔޭގެ ބޮޑެތި ބާރުތަކާއި އީރާނުން ސޮއިކުރި ނިއުކްލިޔަރ އެއްބަސްވުމުގެ ތަފްސީލް ސައޫދީ މަސްއޫލުވެރިންނަށް ހާމަަކޮށް ދެއްވުމަށެވެ. މިއެއްބަސްވުމާމެދު ސައޫދީ އަރަބިޔާ ގެންގުޅޭ ކަންބޮޑުވުންތައް ނައްތާލުން ވެސް މޮގިރީނީ ސައޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)