ރާއްޖެއަށް މިނިވަންކަން ދިނުމަށް އިނގިރޭސީ ވިލާތުން ރާއްޖެއާއެކު ސޮއި ކުރި އެގްރީމެންޓު ހޯދަން އެމްޑީޕީން މަސައްކަތް ފަށައިފި އެވެ.

"އަނިޔާވެރިކަން ނިންމަން" މި ނަމުގައި އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވަނީ އެ އެގްރީމެންޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފާރާތެއްވާނަމަ އެ މައުލޫމާތު އެމްޑީޕީއަށް ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އަޅުގަނޑު މިރޭ މި އިއުލާން ކުރަނީ އެ މަސައްކަތް އަޅުގަނޑުމެން މި ފަށަނީއޭ. އެއްވެސް މައުލޫމާތެއް ހުރި ބޭފުޅެއް ކަމަށްވަންޏާ އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވާށޭފައްޔާޒު އިސްމާއީލް

ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ

ފައްޔާޒު ވިދާޅުވީ ދިވެހީން ބޭނުން ވަނީ މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއިކުރި ގަލަން ނޫން ކަމަށާއި މިއަދު ދިވެހީން ބޭނުން ވަނީ އެ އެގްރީމެންޓު ބަލާލުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ އެގްރީމެންޓަކީ ހުރިހާ ދިވެހީންގެ ތަރިކައެއް ކަމަށާއި އެ އެގްރީމެންޓަށްވީ ގޮތް ބަލަން ބޭނުންވާ ކަމަށެވެ. އަދި އެ އެގްރީމެންޓު ދާރުލްއާސާރުގައި ފެންނަން ނުހުންނަނީ ކީއްވެގެންތޯ ފައްޔާޒު ސުވާލު އުފެއްދެވި އެވެ.

"...ކީއްވެތޯ މިއަދު ދާރުލްއާސާރަށް އަޅުގަނޑުމެންނަށް އެ އެގްރީމެންޓު ބަލާލަން ނުދެވިގެން މި އުޅެނީ. މި އެގްރީމެންޓަށްވީ ގޮތް ވެސް އަޅުގަނޑުމެން އެބަ ބޭނުންވޭ ބަލަން. މި އެގްރީމެންޓް މިހާރު އެބަ އޮތް ތޯ. ނޫނީ މި އެގްރީމެންޓު މިހާރު ނައްތާލެވިފައި ވޭތޯ. އެހެންކަމަށްވަންޏާ ކިހިނެތްވެގެންތޯ ނައްތާލެވުނީ. ކޮން ސަބަބަކަށްޓަކާ ހެދިތޯ. ނޫނިއްޔާ އިހުމާލުން ހަލާކުވެދިޔައީތޯ. ނޫނީ އެބައޮތްތޯ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ދުނިޔޭގެ ސުލްހަމަސަލަސްކަން ނަގާލައި ހަނގުރާމައަކަށް ދިއުމުގެ ހުޅުކޮޅު ރޯކުރާތަނަކަށް ރާއްޖެ ހައްދަވަން ނޫޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ގޮވާލެއްވި އެވެ.

"ކޮމަންވެލްތުން ވެސް އަޅުގަނޑުމެންނަށް ވަކިވެވިދާނެއޭ. އދ. އިން ވެސް ވަކިވެވިދާނެއޭ. ސާކުން ވެސް ވަކިވެވިދާނެއޭ. އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެ ވަށާ ބޮޑު ފާރެއް ރާނާ ޗައިނާގެ ބޮޑުފާރާ ބްރިޖަކުން ގުޅާ ވެސް ލެވިދާނެ. އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް ކަމަށްވަންޏާ ސަރުކާރަށް އެކަން ކުރެވިދާނެ،" ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަން ހިފެހެއްޓުމުގެ އިތުރުން އިދިކޮޅު ފަރާތްތަކަށް ފަރުދީ މިނިވަންކަން ދިނުމަށް ވެސް ފައްޔާޒު ވަނީ ރައީސް ޔާމީނަށް ގޮވާލައްވާފަ އެވެ.

ރާއްޖޭގެ މިނިވަން ކަމުގެ އެގްރީމެންޓުގައި ރައީސް ނާސިރު ސޮއިކުރައްވަނީ ---

ޖުލައި 26، 1965 ގައި ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެގްރިމެންޓުގައި ސޮއި ކުރީ ލަންކާގައި ހުންނަ އިނގިރޭސި ހައިކޮމިޝަންގަ އެވެ. ރާއްޖޭގެ ފަރާތުން އެ އެގްރިމެންޓުގައި ސޮއި ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެ ރަސްމިއްޔާތުގައި މަރުހޫމް ކަނޑި އަހުމަދު އިސްމާއިލް އާއި ކޮލި އަލިމަނިކާއި އަބްދުއްސައްތާރު މޫސާ ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ. މިނިވަންކަމުގެ އެގްރިމެންޓުގައި ސޮއި ކުރީ އެ ދުވަހު 10:20 ކަންހާއިރު އެވެ.

ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި މިނިވަންކަމުގެ އެގްރިމެންޓުގެ އަސްލު އަދި އޭގެ ނަކަލެއް ވެސް ދިވެހި ދައުލަތުގެ އަރުޝީފަކުން ފެންނާކަށް ނެތެވެ. ނަމަވެސް އަމިއްލަ ބައެއް ބޭފުޅުން އެ އެގްރިމެންޓްގެ ކޮޕީ ގެންގުޅުއްވަ އެވެ. އެ ބޭފުޅުންނަށް އެ އެގްރިމެންޓުގެ ކޮޕީ ދީފައި ވަނީ ކޮމަންވެލްތުން ކަމަށްވެ އެވެ.