28 Jul 2015, 00:31
އިންޑިއާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލް ކަލާމް އަވަހާރަވުމާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދިއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އަބްދުލް ކަލާމަކީ ރާއްޖޭގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި އަދި އެމަނިކުފާނު ރާއްޖޭ އަށް 2010 ވަނަ އަހރު ކުރެއްވި ދަތުުރުފުޅުގެ ހަނދާންތައް އާ ކުރައްވާ ކަަމަށް ރައީސްގެ ތައުޒިޔާގައިވެ އެވެ. ރައީސެއްގެ ގޮތުގައި ތައުލީމީ އިލްމުވެރިއެއްގެ ގޮތުގައި އަބްދުލް ކަލާމް ކުރައްވާފައިވާ މަސައްކަތަކީ އަގު ނުކުރެވޭނެ މަސައްކަތެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަބްދުލް ކަލާމް އަވަހާރަވުމަކީ މި ސަރަހައްދަށް ލިބުނު ނިކަމެތި ކަމެއް ކަމަށާއި އަދި އަބްދުލް ކަލާމަކީ ޒަމާނީ ލީޑަރެއް ކަމަށް ރައީސް ޔާމީންގެ ފޮނުންވި މެސެޖުގައިވެ އެވެ. އަދި އެމަނިކުފާނުގެ ހަނދާންތައް ތާއަބަދަށް ދެމިހުންނާނެ ކަމަށް ޔާމިން ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނާއި ހުދު ރައީސް ޔާމީން ވެސް އިންޑިއާ ސަރުކާރާއި އިންޑިއާ ރައްޔިތުންގެ ހިތާމައިގައި ބައިވެރިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ޢަބުދުލް ކަލާމް ހޮސްޕިޓަލެއްގައި އެޑްމިޓް ކުރީ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގެ ރަސްމިއްޔާތެއްގައި ހުންނަވަނިކޮށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަނެގެން ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޮންނެވީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އެ ނޫހުން ބުންޏެވެ. ކަލާމް އަވަހާރަވީ އިރު އުމުރުފުޅަކީ 84 އަހަރެވެ.
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށެއްގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައި ވިދާޅުވީ ފިޒިކްސް އާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެ މަސައްކަތްތަކުގެ ސަބުން "މިސައިލް މޭން"ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ.
އިންޑިއާއިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދު ކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ކަލާމް އިންޑިއާގެ ރައީސް ކަމަށް 2002 ވަނަ އަހަރު އައްޔަން ކުރީ އޭރު އެ ގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީ އާއި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާ އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތް ތަކެވެ.