27 Jul 2015, 23:03
އިންޑިއާގެ ކުރީގެ ރައީސް އޭޕީޖީ ޢަބުދުލް ކަލާމަކީ އެގައުމުގައި ކޮންމެ ދުވަހަކު ވެސް އެގައުމުގެ އެތައް ބަޔަކު އެބޭފުޅެއްގެ ވާހަކަ ދައްކާ ބޭފުޅެކެވެ. ސޯޝަލް މީޑިއާގައި އޭނާގެ ފޮޓޯފުޅު އަބަދު ވެސް ދައުރުވޭވޭ ހުރެ އެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި އޭނާ އަށް ވުރެ މަގުބޫލު ޝަޚުޝިއްޔަތެއް ނެތޭ ބުނެވޭހައިވެ އެވެ. އިންޑިއާގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް އެއީ މަގުބޫލު ބޭފުޅެކެވެ. އެހެން ކަމުން މިއަދަކީ އިންޑިއާގެ އެ ބޮޑު އާބާދީއަށް ބޮޑު ހިތާމައެއް ލިބުނު ދުވަހެކެވެ. މިރޭގެ ވަގުތެއްގައި ކަލާމް ވަނީ އަވަހާރަ ވެފަ އެވެ.
ކަލާމްގެ ތައާރަފް
އިންޑިއާގެ ޓެމިލްނާޑޫގެ ރާމޭސްވަރަމް ނަމަކަށް ކިޔާ ރަށުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ކަލާމް ކިޔަވައިވި ދާޅުވީ ފިޒިކްސްއާއި އެރޯސްޕޭސް އިންޖިނިއަރިންގެ ދާއިރާއިންނެވެ. އޭގެ ފަހުން އޭނާ މަސައްކަތް ކުރެއްވީ ސައިންޓިސްޓެއް އަދި ސައިންސް އެޑްމިނިސްޓްރޭޓަރެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އިންޑިއާގެ ޑިފެންސް ރިސާޖް އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަންގަ އެވެ. އޭނާ ކުރިއަށް ގެންދެވި މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ މަދަނީ ޖައްވީ ޕްރޮގްރާމްތަކާއި މިސައިލާއި މިސައިލް އުދުއްސާ އާލާތްތަކުގެ މަޝްރޫއުތައް ހިމެނެ އެވެ. އެމަސައްކަތްތަކުގެ ސަބުން "މިސައިލް މޭން"ގެ ނަމުގައި އޭނާ އިންޑިއާގައި މަޝްހޫރުވި އެވެ. އޭނާއަކީ މުސްލިމެކެވެ.
އިންޑިއާ އިން 1998 ވަނަ އަހަރު އުފެއްދި، ނިއުކްލިއަ ވޯހެޑް އުފުލޭ ޕޮޚްރާން 2 ނަމަކަށް ކިޔާ މިސައިލް އީޖާދުކުރެއްވުމުގައި އޭނާ އިސް ދައުރެއް އަދާކުރެއްވި އެވެ.
އިންޑިއާގެ 11 ވަނަ ރައީސްގެ ގޮތުގައި 2002 ވަނަ އަހަރު ކަލާމް ރައީސް ކަމަށް އައްޔަން ކުރީ އޭރު އެގައުމުގެ ވެރިކަން ކުރަމުން ދިޔަ ބީޖޭޕީއާއި އދިކޮޅު ޕާޓީގެ ގޮތުގައި އޮތް އިންޑިއަން ނެޝަނަލް ކޮންގްރެސްގެ ވެސް ތާއީދާއި އެކުގަ އެވެ. ރައީސް ކަމުގެ ފަސް އަހަރުގެ ދައުރު ނިންމެވުމަށް ފަހު އޭނާ ކުރައްވަމުން ގެންދެވީ ފޮތް ލިއުއްވުމާއި ތަގުރީރު ކުރެއްވުން ފަދަ އިލްމީ މަސައްކަތްތަކެވެ.
ކަލާމަށް އިންޑިއާގެ ރައްޔިތުންގެ ލޯބި އެހައި ބޮޑަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނާ އެކު ބޭއްވެވި ގާތްކަމެވެ. އޭނާ އަވަހާރަވުމުން އެކަމާ ބެހޭ ގޮތުން އިންޑިއާގެ އެންޑީ ޓީވީގައި ވާހަކަ ދެއްކި ކޮމެންޓޭޓަރުން ވެސް އެންމެ ބޮޑަށް ފާހަގަ ކުރީ އެކަމެވެ. ކޮމެންޓޭޓަރުން ސިފަކުރި ގޮތުގައި އޭނާއަކީ އާއްމު ރައްޔިތުންގެ ބޭފުޅެކެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ގޮތުން އޭނާ ގިނަ ކަންތައްތަކެއް ކުރެއްވި އެވެ. އެގޮތުން ކުރައްވަމުން ގެންދެވި އެއް ކަމަކީ އިންޑިއާގެ ރަށްފުށު ސަރަހައްދުތަކުގެ ސްކޫލްތަކަށް ވަޑައިގެން ތަގުރީރު ކުރެއްވުމެވެ. ލިބިވަޑައިގެން ހުންނެވި އިލްމާއި ހިކުމަތްތެރިކަން ފެތުރުއްވުމަށް އޭނާ ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ. ތަގުރީރުކުރެއްވުމާއި ފޮތް ލިއުއްވުމުގެ އިތުރުން ދަރިވަރުން ފޮނުވާ އީމެއިލް ތަކަށް އޭނާ ކޮންމެ ދުވަހަކު ވެސް ޖަވާބު ދެއްވަމުން ގެންދެވި އެވެ. އެގޮތުން އޭނާ އަށް ލިބިވަޑައިގަންނަވާ ގިނަ މެއިލްތަކަށް ޖަވާބު ދެއްވަމުން ގެންދެވި އެވެ.
އެކި އެކި ތަގުރީރުތަކުގައި ކަލާމް ވިދާޅުވެފައިވާ ގިނަ ބުނުން ތަކަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ބުނުންތަކެކެވެ. ކަލާމް އަވަހާރަވުމުން އިންޑިއާގެ ޓައިމްސް އިންޑިއާ ނޫހުން އެފަދަ 10 ބުނުމެއް ގެނެސްދީފައިވެ އެވެ. އެނޫހުން އެ 10 ބުނުން ސިފަކޮށްފައި ވަނީ 10 ފިލާވަޅުގެ ގޮތުގަ އެވެ.
ބައެއް ބުނުންތައް
ހުވަފެނެއް ހަގީގަތަކަށް ވުމުގެ ކުރިން ތިބާ ހުވަފެން ދެކެން ޖެހެ އެވެ.
- އަހަރެމެންގެ ދަރިންނަށް އުފާވެރި މާދަމާއެއް ލިބި ދިނުމަށް ޓަކައި އަހަރެމެންގެ މިއަދު ގުރުބާންކުރަމާ ހިނގާށެވެ.
- މީހުންނަށް ދަތިއުނދަގޫ ކަން ބޭނުންވެ އެވެ. އެހެނީ އެއީ ކާމިޔާބީ ހޯދުމަށް ބޭނުންވާ އަސާސީ ކަމެކެވެ.
އުމުރުފުޅުން 84 އަހަރުގައި ކަލާމް އަވަހާރަވީ އާލާސްކަންފުޅު ކުރިމަތިވީ ވެސް ގައުމީ މަސައްކަތްޕުޅެއްގައި އުޅުއްވަނިކޮށެވެ. އެގޮތުން އޭނާގެ އާލާސްކަންފުޅު ބޮޑުވެގެން ވެއްޓިވަޑައިގެންނެވީ އިންޑިއާގެ މެޣަލަޔާ ސްޓޭޓްގެ ވެރިރަށް ޝިލޯންގައި ހުންނަ އިންޑިއަން އިންސްޓްޓިއުޓް އޮފް މެނޭޖްމެންޓްގައި ތަގުރީރެއް ކުރައްވަން ހުންނަވަނިކޮށެވެ.