27 Jul 2015, 22:50
އިނގިރޭސިވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ފުލުހުންގެ އިންޓަލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު)އާ މިއަދު ބައްދަލުކޮށްފި އެވެ.
މިނިވަން ދުވަހުގެ ރަސްމީ ދަރުބާރުގައި ބައިވެރިވެވަޑައިގަތުމަށް މާލެ ވަޑައިގެންނެވި އިނގިރޭސީ ސަފީރު ޑޯރިސް، އެމްސީ ހަމީދާ ބައްދަލު ކުރެއްވީ މިއަދު ހަވީރު 5 ޖަހަން އުޅެނިކޮށް، ހޮޓެލް ޖެންގަ އެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން ބައި ގަޑިއިރަށް ދިގު ދެމިގެންދިޔަ އެވެ.
ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުނު ކަންތައްތަކުގެ ތަފްސީލެއް ނުލިބެ އެވެ.
އެމްސީ ހަމީދަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި އިރު، ފުލުހުންގެ އިންޓަލިޖަންސްގެ ވެރިޔާ އެވެ. އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން އެމްޑީޕީން ނެރުނު ފޮތަކަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެމްސީ ހަމީދު އެ މައުލޫމާތު ހިއްސާ ކުރި ކަމަށް ވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށެވެ.
އިނގިރޭސީ ސަފީރު ޑޯރިސް އެމްސީ ހަމީދާ ބައްދަލު ކުރެއްވި އިރު، އޭނާ ވަނީ އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ އެމަނިކުފާނު ވަނީ ބައްދަލު ކުރައްވައިފަ އެވެ. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން އިނގިރޭސީ ސަފީރު ވަނީ ގާސިމް އިބްރާހިމާ މަޝްވަރާ ކުރައްވައިފައި ކަމަށެވެ.